ހާޓް އެޓޭކް ޖެހޭ ޒުވާނުންގެ އަދަދު އާދަޔާހިލާފަށް އިތުރުވެއްޖެ: ޑރ. އަލީ ޝަފީގު

ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހޭ ދިވެހިންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެއްޖެ ކަމަށާއި ހިތުގެ އިތުރު ބައްޔެއް މިހާރު ފެންނަމުން ދާ ކަމަށް ރާއްޖޭގައި މަސައްކަތްކުރައްވާ ހަމައެކަނި ހިތުގެ ހާއްސަ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ރާއްޖޭގެ ފުރަތަމަ ކާޑިއޮލޮޖިސްޓް ޑރ. އަލީ ޝަފީގު ރޭ ހަވީރަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ހިތުގެ ބަލިތަކާ ބެހޭ ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތަސް، ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު ހާޓް އެޓޭކް ޖެހޭ ޒުވާނުންގެ އަދަދު އެހެން ގައުމުތަކަށް ވުރެ އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެއްވޭ ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާތެރި އަދި ސީރިއަސް މައްސަލައެއްކަން ވެސް ޒުވާން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
"އެހެން ގައުމުތަކުގައި ޒުވާނުންނަށް ވުރެ އުމުރުން ދުވަސްވީ މީހުންނަށް މި މައްސަލަތައް މި ކުރިމަތިވަނީ. އެކަމަކު ރާއްޖޭގައި ބެލެވޭ ގޮތުން ޒުވާނުންގެ އަދަދު ވެސް އުމުރުން ދުވަސްވީ މީހުންނާ އެއްވަރެއްގައި އުޅުން ވަރަށް ކައިރި،" އިންޑިއާގެ ސްރީޗިތުރާ އިން ކިޔަވާ ވިދާޅުވެގެން ދާދިފަހުން ރާއްޖެ ވަޑައިގެންނެވި ޑޮކްޓަރު ވިދާޅުވި އެވެ. "މިއީ ވަރަށް ނުރައްކާތެރި އިންޒާރެއް. ވަރަށް ހިތާމަ ކުރަން ޖެހޭ ވަރަށް ސީރިއަސް މައްސަލައެއް."
ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހޭ މިންވަރު މަތިވުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ޑރ. އަލީ ފާހަގަ ކުރައްވާ މައިގަނޑު މައްސަލައަކީ މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.
"ހާޓް އެޓޭކެއް ޖެހިގެން ގިނަ މީހުން ޓެސްޓް ކުރާއިރު ކޮލެސްޓްރޯލާއި ހަކުރާއި އެޗްއައިވީ ކަހަލަ ހުރިހާ ކަމެއް ނެގެޓިވް. ދެން މި އޮންނަ ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ނުވަތަ ޑްރަގްސް ބޭނުންކުރުން،" އޭނާ ވިދާޅުވި އެވެ. "ރާއްޖޭގައި ހާޓް އެޓޭކް ޖެހޭ ޅައުމުރުގެ މީހުންނަކީ ވަރަށް ގިނައިން ސިނގިރެޓް ބޯ މީހުން. ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހުން އިތުރުވަމުން ދިއުމަކީ ވަރަށް ސީރިއަސް މައްސަލައެއް. ހާޓް އެޓޭކެއް ޖެހުމަށް ފަހު ދެން ކުރެވެން ހުންނަ ކަންކަން މަދުވާނެ. އެހެންވީމާ ހާޓް އެޓޭޖެއް ޖެހުމުގެ ކުރިން، އެކަމުން ސަލާމަތްވުމަށް ހުރި ކަންކަން ކުރަންވީ."
ޑރ. އަލީ ވިދާޅުވީ ރާއްޖޭގައި މިހާރަކަށް އައިސް ހިތުގެ އާ ބައްޔެއް ފެންނަމުން ދާ ކަމަށާއި އެ ބަލީގެ ބައެއް ޕޭޝަންޓުންނާ އޭނާ އަށް ދިމާވެފައިވާ ކަމަށެވެ.
"ބައެއް މީހުން [ހިތުގެ] ކަރަންޓް އުފެދެންޖެހޭ އެހެން ތަނެއްގައި އުފެދިގެން މައްސަލަތައް ދިމާވޭ. އެފަދަ ބަލިތައް ވެސް އިތުރުވަމުން މިދަނީ. އެހެން ގިނައިން ދިމާވަނީ ޅަ އުމުރުގެ މީހުންނަށް. އެއީ ބައެއް ފަހަރު ވަރަށް ނުރައްކާ ކަމެއް. އެގޮތުން ބައެއް ފަހަރު ހިތުގެ ހިނގުން ވަރަށް މައްޗަށް ގޮސް، ހިތުގެ ހިނގުން ހުއްޓިގެން ގޮސްދާނެ. ހޮސްޕިޓަލަށް ގެންނަން ވެސް ވަގުތު ނުލިބިދާނެ،" އޭނާ ވިދާޅުވި އެވެ.
ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ބޮޑު ކަންކަމުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ އިތުރުން ހަކުރުބަލި ހުރުމާއި ލޭ މައްޗަށް ދިއުން އަދި ކޮލެސްޓްރޯލް މައްޗަށް ދިއުން ހިމެނޭ ކަމަށް ޑރ. އަލީ ވިދާޅުވި އެވެ. އަދި އަންހެނުންނަށް ވުރެ ފިރިހެނުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި ހާއްސަކޮށް، އުމުރުން 45 އަހަރުން މަތީ ފިރިހެނުންގެ އެ ފުރުސަތު މާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހިންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ކަސްރަތު ކުރަންޖެހޭ މިންވަރަށް ގިނަ މީހުންނަށް ކަސްރަތު ނުކުރެވޭ ކަމަށާއި ކެއުމަށް ބަލަންޖެހޭ މިންވަރަށް ނުބެލޭ ކަމަށް ވެސް ޑރ. އަލީ ވިދާޅުވި އެވެ.
"ސައި ހޮޓަލަކަށް ވެދެފައި ބާގާ އާއި ތެޔޮ ހެދިކާ ތަކެއް ކެއުމުގެ އާދަ އަދިވެސް ގިނަ މީހުންގެ ގައިގައި އެބަހުރި. އެ ތަކެއްޗަކީ ރަނގަޅު ނޫން ކޮލޮސްޓްރޯލް ހުންނަ އެއްޗެހިތަކެއް. އަދި ޕްރެޝަ މައްޗަށް ދާ މީހުން ނުވަތަ ހަކުރު ހުންނަ މީހުން އެ މީހުންގެ ލޭ ނުވަތަ ހަކުރު، ކޮލޮސްޓްރޯލް ބަހައްޓަންޖެހޭ މިންވަރުގައި ނުހުރޭ ބެހެއްޓިފައެއް. އެ ކަންކަމަކީ ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަންކަން. އެއީ ހިތުގެ ބަލި ޖެހުމަށް ފަހު ވެސް ސަމާލުކަން ވަރަށް ބޮޑަށް ދޭންޖެހޭ ކަންކަން،" ޑރ. އަލީ ވިދާޅުވި އެވެ.
ޑރ. އަލީ ވިދާޅުވީ ހިތުގެ ބައްޔެއް ހުއްޓަސް، އަދި ކޮލެސްޓްރޯލް ހުއްޓަސް ތެޔޮ ބޭނުންކުރުން ކުރުން މުޅިން ހުއްޓާލުމުން ހަށިގަނޑަށް ގެއްލުންތަކެއް ލިބިދާނެ ކަމަށާއި ޑޮކްޓަރެއްގެ މަޝްވަރާއާ އެކު ކޮންމެވެސް މިންވަރަކަށް ތެޔޮ ބޭނުން ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
އުފެދުމުގައި ހިތުގެ ބަލިތައް ހުންނަ ކުދިންގެ އަދަދު ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި އެގޮތަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ޖެނެޓިކް މައްސަލައެއް ކަމަށް ވެސް ޑރ. އަލީ ވިދާޅުވި އެވެ. އެގޮތުން މިހާރު ފެންނަ ބައެއް ކޭސްތަކުގައި ބައެއް ކުދިންގެ ހިތް ފުރިހަމަ އަށް އުފެދިފައި ނުހުންނަ ކަމަށާއި ހިތު އެއް ޗެމްބާއިން އަނެއް ޗެމްބާއާ މުއާސަލާތު ނުކުރުމުގެ މައްސަލަތައް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ފަހަރު މިހެން ދިމާވަނީ ޖެނެޓި މައްސަލައެއްގައި. އެގޮތަށް ދިމާވުމުގެ ފުރުސަތު އޮންނާނެ އާއިލާގެ މީހަކަށް އެފަދަ ކަމެއް ދިމާވެފައި ހުރުން. އޭގެ އިތުރުން، މާބަނޑު ދުވަސްވަރު ބޭނުންކުރެވޭ ބޭހުގެ ސަބަބުން ވެސް ބަނޑުގައި އޮންނަ ކުއްޖާ އަށް ހިތަށް މައްސަލަ ދިމާވޭ. އަދި މާބަނޑު ދުވަސްވަރު ހަކުރު ބަލި ޖެހުމުން ވެސް ކުއްޖާގެ ހިތަށް މައްސަލަތަކެއް ދިމާވޭ. ކުއްޖާގެ ހިތް ދުޅަވާނެ. ނަމަވެސް އެކަން ވަކި އުމުރަކަށް ދިޔައިމަ ރަނގަޅުވާނެ،" ޑރ. އަލީ ވިދާޅުވި އެވެ.
ހިތުބެ ބަލި މީހުން ގިނަ ނަމަވެސް، މިހާރު އައިޖީއެމްއެޗްގައި ހުރީ ހަމައެކަނި ބަލިތައް ދެނެގަތުމަށްޓަކައި އީސީޖީ އާއި ޓްރެޑްމިލާއި އެކޯ އާއި އަދި ސީޓީ އެންޖިއޯ ހެދުން ކަމަށް ޑރ. އަލީ ވިދާޅުވި އެވެ. ހަރަދު ދެކޮޅު ޖެހޭ ގޮތަށް ހިތުގެ ބަލިތަކަށް ފަރުވާދީ ހިތުގެ އޮޕަރޭޝަން ރާއްޖޭގައި ކުރެވޭނީ ދިވެހި ޑޮކްޓަރުން އުފައްދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ