ހުކުރު ދުވަހު ހަވީރު 4:00-7:00 އަށް އޮފީސް ހުޅުވިފައި ހުންނާނެ: މީރާ

މާދަމާ އަކީ ބަންދު ދުވަހަކަށް ވެފައި އަދި ހުކުރު ދުވަހަކަށްވި ނަމަވެސް ހަވީރު 4:00-7:00 އަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުޅުވައިގެން ޚިދުމަތް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
މީރާ އިން ބުނީ ހުކުރު ދުވަހު އޮފީސް ހުޅުވަން ނިންމީ ޖީއެސްޓީ އަށް ރަޖިސްޓްރީ ކުރަން ޖެހޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ތިބުމާ އެކު، އާދީއްތަ ދުވަހު ޖީއެސްޓީ ނަގަން ފަށަން ވާއިރަށް އެ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި މީރާ މާދަމާ ހުޅުވަން ނިންމީ، ބުރާސްފަތި ދުވަހު ޖީއެސްޓީ އަށް ރަޖިސްޓްރީ ކުރުމަށް އެ އޮތޯރިޓީ އަށް ދިޔަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެންނެވެ.
"މިހާރު ވެސް 300 ވަރަކަށް މީހުން ކިޔޫގައި އެބަ ތިބި. ހުކުރު ދުވަހު ވެސް ކުރިއަށް ދާނީ ރަޖިސްޓްރީ ކުރުމުގެ ކަންތައް،" މީރާގެ އޮފިޝަލަކު ބުންޏެވެ.
ސެޕްޓެމްބަރު ދެވަނަ ދުވަހު ތަސްދީގު ކުރި ޖީއެސްޓީ ގާނޫނަށް އޮކްޓޫބަރު ދެވަނަ ދުވަހު އަމަލުކުރަން ފެށުމުގެ ކުރިން ދުރާލައި ރަޖިސްޓްރީވުމަށް މީރާ އިން އައީ ހަނދާންކޮށްދެމުންނެވެ.
މީރާ އިން ބުނީ އާދީއްތަ ދުވަހު ޖީއެސްޓީ ނަގަން ފެށުމަށް ކުޑަތަން ވެފައިވާއިރު، ޖީއެސްޓީއާ ގުޅޭ ގިނަ ހަރަކާތްތަކެއް މި ހަފުތާ ބަންދުގައި ވެސް ކުރިއަށް ދާނެ ކަމަށެވެ. ޖީއެސްޓީ ޑޯޓު ޑޯ ކެމްޕެއިން ހޮނިހިރު ދުވަހު ވިލިނގިލީގައި ކުރިއަށްގެންދަން ނިންމާފައިވާއިރު، ޖީއެސްޓީއާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް ހުކުރު ދުވަހު ހަވީރު މާލޭގައި ދެ ރޯޑް ޝޯ ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
ހުކުރާއި ހޮނިހިރު ދުވަހު އައްޑު އާއި ފުވައްމުލަކުގައި ޖީއެސްޓީ ސެމިނާއެއް ކުރިއަށް ގެންދަން ވެސް މީރާ އިން ވަނީ ނިންމައިފަ އެވެ. އަދި މީރާ އިން ބުނީ އައްޑު އާއި ފުވައްމުލަކަށް ފަހު ހދ. އަތޮޅަށް އަދި އޭގެ ފަހުން ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް، ޖީއެސްޓީއާ ބެހޭ މައުލޫމާތު ދިނުމަށް ޓީމުތައް ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ