އުމަރު ނަސީރަށް ތާއީދުކުރުމުގެ ގޮތުން ލޮރީބުރެއް ބާއްވައިފި

ޑީއާރުޕީން ވަކި ކުރުމަށް އެ ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީން އިއްޔެ ނިންމި ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށް ތާއީދު ކުރުމުގެ ގޮތުން އޭނާގެ ސަޕޯޓަރުން މިއަދު މާލޭގައި ލޮރީބުރެއް ބާއްވައިފި އެވެ.
ހަވީރު 30: 4 ހާއިރު އާޓިފިޝަލް ބީޗް ސަރަހައްދުން ފެށި މި ލޮރީބުރުގައި އުމަރަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން އޭނާގެ ސަޕޯޓަރުން ތިބީ އުމަރަކީ "ޑީއާރުޕީގެ ވިންދު" ކަމަށް ލިޔެފައިވާ އުމަރުގެ ޕޯސްޓަރުތައް ހިފައިގެންނެވެ. އަދި ލޮރީބުރުގައި ބައިވެރިވި ބައެއް މީހުން ތިބީ "މައުމޫން" ޖަހާފައިވާ ޓީޝާޓްތައް ލައިގެންނެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެމްޕޭންގައި ބޭނުންކުރި ޓީޝާޓްތަކެވެ. މި ލޮރީބުރުގައި މުޅިން ވެސް ޖެހީ މައުމޫނަށް ނިސްބަތްވާ ލަވަތައްކަން ވެސް ފާހަގަ ކުރެވެ އެވެ. އެ ގޮތުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު މައުމޫނަށް ކެމްޕޭން ކުރުމަށްޓަކައި ޖެހި މަޝްހޫރު ލަވަތައް ވަނީ ޖަހައިފަ އެވެ.
ލޮރީބުރު ކުރިއަށް ދިޔައިރު އަޑުގަދަކުރާއިން ގޮވަމުން ގެންދިޔައީ އެއީ ޑީއާރުޕީއާ ދެކޮޅު ހަރަކާތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ލޮރީ ބުރަކީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށް ޑީއާރުޕީ ތެރޭގައި ކަންތައް ކުރަމުންދާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ގޮވަމުން ގެންދިޔަ އެވެ. އަދި ލޮރީބުރުގެ ބޭނުމަކީ އުމަރު ޑީއާރުޕީން ވަކި ކުރަން ނިންމި ނިންމުމާ ޕާޓީގެ ޒައީމް ދެކޮޅު ހައްދަވާ ކަމާއި ޑީއާރުޕީގެ މެމްބަރުން ތިބީ އުމަރުގެ ފަހަތުގައި ކަން ހާމަކުރުން ކަމަށް ވެސް ގޮވަމުން ދިޔަ އެވެ.
އުމަރަށް ތާއީދު އޮތްކަން ހާމަކުރުމަށްޓަކައި އޭނާގެ ސަޕޯޓަރުން ލޮރީބުރެއް ބޭއްވިއިރު އޭނާ ޕާޓީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އުމަރު ބާއްވަން އުޅުނު މުޒާހަރާ ކުރިއަށް ނުގެންދިއުމަށް ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެންގެވުމުން އެ ހަރަކާތް ކުރިއަށް ގެންދަން މަސައްކަތް ކުރެއްވުމުން ކަމަށް ޕާޓީގެ ސެކްރެޓޭރިއޭޓުން ވަނީ ބުނެފަ އެވެ.
އުމަރު ޑީއާރުޕީން ވަކިކުރަން ނިންމުމުން އޭނާ ވިދާޅުވެފައި ވަނީ އެކަން ކުރެވޭނީ ޕާޓީގެ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްއިން ކަމަށް އަސާސީ ގަވާއިދުން އެނގޭ ކަމަށެވެ. އަދި ޕާޓީގެ ޒައީމް މައުމޫން ވެސް ވަނީ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުން ގަބޫލުފުޅު ނުކުރައްވާ ކަމަށް ވަގުތުން މީޑިއާގައި ހާމަކުރައްވައިފަ އެވެ.
މިވަގުތު މެލޭޝިޔާގައި ހުންނެވި މައުމޫން އިއްޔެ ވިދާޅުވެފައި ވަނީ ކޮމެޓީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ