ރަލާއި އޫރުމަހާއި ސްޕާތަކުގެ މައްސަލާގައި ގޮތެއް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހިނގައްޖެ

ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުގައި ރަލާއި އޫރުމަހުގެ އިތުރުން ސްޕާގެ ހިދުމަތް ދިނުމާ މެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން މިއަދު ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
ބަންޑާރަ ނާއިބު އަބްދުﷲ މުއިއްޒު "ހަވީރަ" ށް ވިދަޅުވީ އެ މައްސަލަ ކޯޓަށް ވެއްދީ އެކަމުގައި އެކި މީހުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތީ، ޝަރުއީ ދާއިރާ އިން ކޮންމެހެން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
"ސްޕާ ބަންދުކުރުމަށް އަންގައި ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާގެ ސަބަބުން އެތައް ބައެއްގެ ކަންބޮޑުވުންތަކެއް އެބަހުރިކަން އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑު ވެސް ގަބޫލުކުރަން އެއީ ހަމަ ޖެނުއިން ކަންބޮޑުވުމެއްކަން. އެހެންވީމަ މި ކަމުގެ ތެރޭގައި ޖުޑީޝަރީގެ ޕޮޒިޝަން ސާފުވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެނުނީ. އޭރުން އިންވެސްޓަރުންނަށް ވެސް ޔަގީންކަން ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ބަނގުރަލާއި އޫރުމަސް މިހާރު ރާއްޖެ އެތެރެކުރަމުން ދަނީ ވަކި ގަވާއިދެއްގެ ދަށުންނެވެ. އަދި ރިސޯޓްތަކުގައި ސްޕާ ހިންގުމަށް ވަކި ހާއްސަ ގާނޫނެއް ނެތް ނަމަވެސް، އެއީ ރާއްޖޭގެ ގާނޫނުތަކުން ބަލައިގަންނަ ހިދުމަތެއްކަން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ހ. ގެ 2 އިން ސާފުކޮށް އެނގޭ ކަމަށް ދައުލަތުން ބުނެ އެވެ.
ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގައި ރަލާއި އޫރުމަހާއި ސްޕާގެ ހިދުމަތް ދިނުމާ މެދު ގޮތެއް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދިއިރު، ސްޕާތައް ބަންދުކުރަން ގާނޫނީ ގޮތުން ޓޫރިޒަމް މިނިސްޓްރީއަށް ނޭންގޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.
ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގައި ރަލާއި އޫރުމަހުގެ އިތުރުން ސްޕާގެ ހިދުމަތް ދިނުމާ ބެހޭ ގޮތުން ދައުލަތުން ސުޕްރީމް ކޯޓަށް ގޮސްފައިވާއިރު، ރާއްޖޭގައި ރާ ވިއްކުން މަނާކުރުމަށް އެދި އަމިއްލަ ފަރާތަކުން ވަނީ މީގެ ދުވަސްތަކެއް ކުރިން ހައި ކޯޓަށް މައްސަލައެއް ވައްދާފައި ކަމަށް "ހަވީރަ" ށް އެނގިފައިވެ އެވެ. އަދި އެ މައްސަލައިގެ އެއް އަޑުއެހުން ވަނީ އެ ކޯޓުގައި ބާއްވައިފަ އެވެ.
ރިސޯޓްތަކުގައި ރަލާއި އޫރުމަހުގެ އިތުރުން ސްޕާ ހިންގިދާނެތޯ ސުވާލު ފެންމަތިވީ، އިސްލާމްދީނަށް ގޮވާލައި ޑިސެމްބަރު 23 ގައި ބޭއްވި ބޮޑު މުޒާހަރާގެ ޑިމާންޑްތަކާ އެކު އެވެ. އެހެން ނަމަވެސް އެ މުޒާހަރާ ރޭވި ފަރާތްތަކުން ބުނަނީ ގޮވާލީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހަށިވިއްކާ ތަންތަން ބަންދުކުރުމާއި އެ ރަށްރަށުގައި ރާ ވިއްކުން މަނާކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ