ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ގާސިމް ހޮވައިފި

ދެހާސް ތޭރައިގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ހޮވައިފި އެވެ.
މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި، ގާސިމަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ހޮވިޔަސް، ޕާޓީގެ ނައިބު ރައީސް އަބްދުﷲ ޖާބިރު ވިދާޅުވީ ގުޅިފައިވާ ކޯލިޝަނަކުން ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ޖުމްހޫރީ ޕާޓީން ވަރަށް ތާއީދުކުރާ ކަމަށެވެ. ދާދިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ޖާބިރު ވިދާޅުވީ ވަރުގަދަ ކޯލިޝަނަކުން ކެންޑިޑޭޓަކު ނެރުމާ ބެހޭ ގޮތުން މިއަދު ވެސް ސިޔާސީ ދެ ލީޑަރަކާ ވާހަކަ ދެއްކެވި ކަމަށެވެ.
ޖާބިރު ވިދާޅުވީ "މީޑިއާގައި މި ވަގުތު ހުރިހާ ވާހަކައެއް ދަންނަވަން ގަސްދުކޮށްފައި ނެތް" ކަމަށާއި ރާއްޖޭގެ ކަންތައްތައް މި ވަގުތު އޮތް ގޮތުން މިހާރު އިދިކޮޅު ހުރިހާ އެންމެން ވެސް ބޭނުންވަނީ "މި ސިޓުއޭޝަނުން އަރައިގަންނަން" ކަމަށެވެ.
"އެންމެން ވެސް [އިދިކޮޅު ފަރާތްތައް] އަންޑަސްޓޭޑިންއަކަށް އަންނަން ތައްޔާރު،" ޖާބިރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކީ ކޮން ބޭފުޅެއްތޯ ދެންނެވުމުން ޖާބިރު ވިދާޅުވީ، އެކަމާ ބެހޭ ގޮތުން އަދި ވިސްނާފައި ނުވާ ކަމަށާއި މިރޭގެ ކައުންސިލް ބައްދަލުވުމުގައި ވެސް އެ ވާހަކަތަކެއް ނުދެކެވޭ ކަމަށެވެ. އުސޫލެއްގެ ގޮތުން ވިސްނާ ގޮތަކީ މިހާރު ހުރި ޗޮއިސްތައް ބެލުމަށް ފަހު ގޮތެއް ނިންމުން ކަމަށް ޖާބިރު ވިދާޅުވި އެވެ.
ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް މިރޭ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އޭނާ ހޮވި ވަޑައިގަތުމުން އުފާ ކުރައްވާ ކަމަށާއި ކައުންސިލަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވީ "އަޅުގަނޑު މި މަގާމަށް [ގައުމުގެ ރައީސް ކަމަށް] އައްޔަން ކުރުވައިފި ނަމަ މިހާރު ދިމާވެގެން މި އުޅޭ މައްސަލަތަކުން ދިވެހިން ސަލާމަތްކޮށްދީ [ގައުމަށް] ފާގަތިކަން ހޯދައިދޭނަން" ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާފައިވާ ގާސިމް ވިދާޅުވީ ގައުމު މިހާރު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ.
"އިޖުތިމާއީ އަދާލަތު ފުނޑުފުނޑި ކޮށްލައިފި. ގާނޫނު އަސާސީ މުގުރާލައިފި. ތަންތަން ވިއްކާލައިފި. ވަރަށް ދަށު ދަރަޖައެއްގައި ގައުމު މިއޮތީ،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު މި މަގާމަށް އައްޔަން ކުރުވައިފި ނަމަ މިކަމުން ދިވެހި ސަލާމަތްކޮށްދީ ފާގަތިކަން ހޯދައިދޭނަން."
ގާސިމް ވިދާޅުވީ މާތްﷲ ގެ ވާގިފުޅާ އެކު ދިވެހި ގައުމު މިކަމުން ސަލާމަތް ކޮށްދިނުމަށް ޓަކައި "އަޅުގަނޑު މި ހުރީ ނުކުންނަން ތައްޔާރަށް" ކަމަށެވެ. އަދި ސަރުކާރަށް ބޮޑެތި ހަމަލާތަކެއް އޮއްސާލައްވަމުން އޭނާ ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ އެއްވެސް މީހަކާ ޒާތީ ކަމެއް ނެތި ކަމަށެވެ.
"ރައްޔިތުންނަށް ދަންނަވަން އޮތީ ހިތްވަރާ އެކު މަސައްކަތްކުރާށޭ. ރާއްޖޭގައި ދުސްތޫރީ ހަޔާތެއް ބިނާކުރުމަށް މަސައްކަތް ކުރާނަމޭ. ކެތްތެރި ކަމާ އެކު ގާނޫނީ އިމުގެ ތެރޭގައި، ހުދޫދުގެ ތެރޭގައޭ މަސައްކަތް ކުރާނީ. އެއްވެސް މީހަކާ ނުބައި ނިޔަތެއް ނެތި މަސައްކަތް ކުރާނަމޭ. ބާއްޖަވެރި ދުވަސްތަކެއް ދިވެހިން ދެކޭނޭ އޭރުން،" ގާސިމް ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބިވަޑައިނުގަތުމުން، ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް މިހާރުގެ ރައީސް މުހަންމަދު ނަޝީދަށް ދެވަނަ ބުރުގައި ކެމްޕޭން ކޮށްދެއްވި ގާސިމް ވިދާޅުވީ މި ވެރިކަމުގައި އޭނާ ކުރެއްވި ތަޖުރިބާތައް ވަރަށް ހިތި ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ލިބުނު ތަޖުރިބާ ވަރަށް ނިކަމެތި ވަރަށް ހިތި. އަމާންކަމެއް ނެތް. މިއީ އަޅުގަނޑުމެން ދެކެން ބޭނުންވި ދުވަހެއް ނޫން. މިއީ ގާނޫނު އަސާސީން ދެކެން ބޭނުންވި ފޮނި މީރުކަމެއް ނޫން. ބާރުގެ ބޭނުންކޮށް ބިރު ދައްކައިގެން ނޫން ގޮތަކަށް މި ސަރުކާރަށް ކަމެއް ނުކުރެވޭ ތަން މި ފެންނަނީ،" މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުން ގާސިމަށް ކާމިޔާބު ލިބިވަޑައިނުގަތުމުގެ "އެންމެ ބޮޑު ސަބަބަކީ ވަގުތު" ކަމަށެވެ. ޖާބިރު ވިދާޅުވީ އޭރު ވެސް އޭނާ އަކީ ގާސިމާ އެކު އުޅުއްވި ބޭފުޅެއް ކަމަށާއި ގާސިމް އޭރު ވަގުތު ހޭދަކުރެއްވި ގޮތް ކައިރިން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި ގާސިމަކީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަޖިލީހުގެ ރައީސް ކަމަށާއި އެހެންވެ "ތިން ދަންފަޅިއަކަށް ގާސިމް މަސައްކަތް ކުރެއްވި" ކަމަށެވެ.
"ގާނޫނު އަސާސީ އިސްލާހުކޮށް ނިމުނީ 2008 ގައި. އެ ގާނޫނު އަސާސީ ތަސްދީގުކޮށް ނިމުނީ އޮގަސްޓްގައި. އޭގެ ތިން މަހެއްހާ ދުވަސް ފަހުން ރިޔާސީ އިންތިހާބު ބާއްވައިފި،" ގާސިމް ވެރިކަން ހޯއްދަވާނެ ކަމުގެ 2000 ޕަސެންޓް ޔަގީންކަން އޮތް ކަމަށް ވިދާޅުވަމުން ޖާބިރު ވިދާޅުވި އެވެ. "އަޅުގަނޑު ހަނދާން ހުރޭ އޭރު އަޅުގަނޑުމެން އެއާ ޓެކްސީއެއްގައި ރަށަކަށް ގޮސްފައި ތިން މިނެޓްކޮށްލާފައި އަނެއްކާ އެއާ ޓެކްސީ އަށް އަރައިގެން ފުރައިގެން ދާން ޖެހޭ ތަން. އޭރު އަޅުގަނޑުމެންގެ އަތުގައި ފައިސާ ވެސް ހުރި. އެކަމަކު ވަގުތުގެ މައްސަލަ ދިމާވީ."
ޖާބިރު ވިދާޅުވީ އެހެން ހުރިހާ ޕާޓީތަކުން މާ ދުރާލައި ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ދިޔަ ކަމަށާއި އެހެން ނަމަވެސް، ޖުމްހޫރީ ޕާޓީ އަށް އެވަރަށް ވަގުތު ނުލިބުނު ކަމަށެވެ. މި ފަހަރު ރިޔާސީ އިންތިހާބަށް ނުކުންނާނީ ވަގުތު އޮވެގެން ދުރާލައި ތައްޔާރުވެގެން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވީ ތުރާކުނުން އައްޑު އަތޮޅާ ހަމައަށް ޕާޓީގެ ޖަގަހަތައް ހަދާނެ ކަމަށާއި ދަތުރުތައް ފަސޭހައިން ކުރުމަށް ޓަކައި އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ވެސް ހޯދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ