އިންތިހާބަކާއި ނުލާ ރައީސް އަބްދުﷲ ޔާމީން 2018 އިން ހޮވިދާނެކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، ޕީޕީއެމްގެ "ރުމާލު2" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރޭ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ދެއްކެވި ވާހަކަފުޅަށް އިޝާރަތް ކުރައްވަމުން އުދުރޭ ވިދާޅުވީ، ވާދަވެރި ފަރާތްތަކުން 2018 ގައި ނެރޭނެ ކެންޑިޑޭޓަކު ނުފެންނަކަމަށެވެ. "އެހެންވީމަ އަޅުގަނޑުމެން އިންތިހާބަކާއި ނުލާވެސް ފަހަރެއްގައި މި އިންތިހާބު ކާމިޔާބުކޮށް 2018 ގައި ރައީސް ޔާމީން ހޮއްވަވާނަން" އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކަފުޅުގައި އޭނާ ވަނީ އިދިކޮޅު ފަރާތްތަކުން މަޑުމަޑުން ތިއްބެވުމަށް ގޮވާލައްވާފައެވެ. އަދުރޭ ވިދާޅުވީ މުޅި ރާއްޖެއިން ދެން ފެނިގެން ދާނީ ޕީޕީއެމްގެ ހަރަކާތްތައް ކަމަށާއި، ޕީޕީއެމް އިން ކުރިއަށްގެންދާ މަސައްކަތްތައް ނިންމާލެވެން އޮތީ 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ރައީސް ކަމަށް ހޮއްވަވައިގެން ކަމަށެވެ.
"2018 ރައީސް ޔާމީންއަށް ކާމިޔާބުކޮށްދޭން މި ޖެހެނީ ޕީޕީއެމްގެ ފައިދާއަކަށް ނޫން. އެއީ ދިވެހި ގައުމާއި ދިވެހިންގެ ހައްގުގައި. އަޅުގަނޑުމެންގެ ޅަ ދަރިންގެ ހައްގުގައި އަންނަން އޮތް ޖީލްތަކަށްޓަކައި. އަޅުގަނޑުމެން ގައުމު ބިނާ ކުރާނެ މިވަރުގެ އެހެން މާލިމީއެއް ފެންނަން ނެތީމަ". އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ އުފާވެރި ގޮތަކަށް ކަމަށެވެ. އަދި އެދުވަހު އިދިކޮޅު ފަރާތްތަކުން ކުރަން އުޅުނު އެއްވެސް ކަމެއް ކާމިޔާބުވެފައިނުވާކަމަށް އަދުރޭ ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުން މި ސަރުކާރު ބަލައިގަންފައިވާ މިންވަރު އަޅުގަނޑުމެންނަށް އެނގިގެން އެދިޔައީ.". އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ކޮންމެ ހަފްތާއެއްގައި އަލަށް މި ހުޅުވުނު ޖަގަހާގައި ހަރަކާތްތައް ކުރިއަށްދާނެކަމަށާއި، އަދި އޭގެ އިތުރުން އަތޮޅު ތަކުގައިވެސް ބަންދު ދެ ދުވަހު ޕީޕީއެމްގެ ކުރިއަށްދާނެކަމަށެވެ. އަދި މިކަންކަން ކުރިއަށްދާނީ އެއްވެސް ފަރާތަކަށް އުނދަގޫ ނުވާނެހެންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އިންތިހާބަކާއި ނުލާ ރައީސް ޔާމީން 2018 ކާމިޔާބު ކޮށްފާނެ – އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ