ޤާނޫނުތަކަށް އުނިއިތުރު ގެނެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް: މައުމޫން

ޤާނޫނުތައް ހަދައި އެެއަށް އުނިއިތުރު ގެނައުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނު ހެދުމާއި ޤާނޫނަށް އުނިއިތުރު ގެނައުމާއި ބާތިލްކުރުމަކީ ޤާނޫނުއަސާސީއިން ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެއްކަމަށެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާ ބެހޭ ގާނޫނުގެ ބައެއް މާއްދާތައް އުވާލަން އެޓާނީ ޖެނެރަލްގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.
މި މައްސަލައިގައި ކުރީގެ ރައީސް ނަޝީދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެކޮޅުނުޖެހޭ ކޯޓު ނިންމުންތަކަށް ރައްޔިތުން އަދި މަޖިލިސް މެންބަރުންވެސް ޖެހިލުން ނުވާނެ ކަމަށެވެ. އަދި އިރާދަފުޅުން ގުޅިފައިވާ ޕާޓީތައް ކާމިޔާބު ކުރާނެކަމަށްވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާ ބެހޭ ގާނޫނުގެ ބައެއް މާއްދާތައް އުވާލަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މި މައްސަލަ މިއަދު ސްޕްރީމް ކޯޓުގައި މިއަދު 13:00އަށް ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް މި މައްސަލާގައި ދައުވާ ލިބޭ ފަރާތެއް ބުނެފައެއް ނުވެ އެވެ.
އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ. ހާއްސަކޮށް އެ ގާނޫނުގެ 13 ވަަނަ މާއްދާގައި މަޖިލީހުގެ މެންބަރަކު ހައްޔަރުކުރާނަމަ ކޯޓު އަމުރު ހޯދަން ވާނީ ޕީޖީ އޮފީސް މެދުވެރިކޮށް ކަމަށް ބުނެފައިވާތީ އެ މާއްދާއާ މެދު ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އޭޖީ އޮފީހާއި ސުޕްރީމް ކޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ދައުވާ ލިބޭ ފަރާތެއް ސާފު ނުވާ ގޮތަށް ހުށަހަޅާ އެކްސްޕާޓޭ މައްސަލަ ތަކުގައި މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން ގޮތްތަކެއް ނިންމާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ