ފިޝަރީޒް މިނިސްޓަރ އިސްތިއުފާ ދެއްވުމަށް މެމްބަރު ތޯރިގް ގޮވާލައްވައިފި

ފިޝަރީޒް މިނިސްސްޓަރު މުހައްމަދު ޝައިނީ މަގާމުން އިސްތިއުފާ ދެއްވުމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ގޮވާލައްވައިފިއެވެ.
ތޯރިގް އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ޑރ. ޝައިނީ އިތުރަށް ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ތޯރިގް ވިދާޅުވީ "ބެޔަސް ނުބެޔަސް" ސިޔާސަތު ތިން އަހަރު ވީއިރު ވެސް ކާމިޔާބު ވެފައިނުވާ ކަމަށާއި މާލޭގެ ފަޅުން މަސްވެރިންނަށް ދިމާވާދަތިތަކަށް ހައްލުކޮށް މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް މިނިސްޓަރު ޝައިނީ މަސައްކަތް ނުކުރައްވާ ކަމަށެވެ.
އަދި ފިޝަރީޒް މިނިސްޓްރީގެ ފާއިތުވެދިޔަ އަހަރުގެތަކުގެ އޮޑިޓް ރިޕޯޓްތަކުގައި މާލިއްޔަތު ގަވާއިދާއި އަދި ބެސްޓްޕްރެކްޓިސްއާ ހިލާފަށް ހުރި ކަންކަން ރަނގަޅުކުރުމުންދާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ނުފެންނަ ކަމަށާއި އެހެން ކަމުން ދިވެހިރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ މިނިސްޓަރު ޝައިނީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ތޯރިގް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ތޯރިގް ވަނީ ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާއި މިނިސްޓަރ ޝައިނީ އާއި ދެމެދު ނާޖާއިޒް ގުޅުންތަކެއް އޮންނަ ކަމުގެ ތުހުމަތު ކުރައްވާފައެވެ.
ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކާ މިނިސްޓަރ އާ ދެމެދު "ޖާއިޒް ނޫން" ގުޅުން ތަކެއް އޮންނަ ކަމަށް ގިނަ އަދަދެއްގެ މަސްވެރިން ދެކޭ" ތާރިގް ލިޔުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ