ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ވައިބާ ގްރޫޕްގައި މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އެ ގްރޫޕުން ބޭރު ކުރަން ބައެއް މެމްބަރުން މިރޭ ގޮވާލައްވައިފި އެވެ.
ޕީޕީއެމް ވައިބާ ގްރޫޕްގައި ފޯރިގަދަވީ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ މެމްބަރުން ސޮއިކުރެއްވުމަކީ އެމަނިކުފާނަށް އުނދަގޫފުޅު ވާނެ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. އެ ވާހަކަފުޅާ ގުޅިގެން ބައެއް މެމްބަރުން ސީދާ މެމްބަރު ލަތީފަށް ނިސްބަތް ކުރައްވާ ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަވަން ފެއްޓެވި އެވެ.
ލަތީފް ވަނީ ވައިބާ ގްރޫޕްގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް އަމާޒު ކުރައްވައި ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވައިފަ އެވެ.
އެގޮތުން މަޖިލިހަކީ މިހާރު އެހާ މުހިންމު ތަނެއް ކަމަށް ސަލީމަށް ގަބޫލު ކުރެއްވޭތޯ އެއްސެވި އެވެ. އަދި އޭނާގެ ވާހަކައިގައި މިސާލު ނެންގެވީ ރާވެރިކަމުގެ ފޯރި ކެނޑިގެން ދިޔަ ގޮތާ ގުޅޭ ގޮތުންނެވެ.
"ރައްޔިތުންނަށްޓަކައި ކިތަންމެ ގާނޫނުތަކެއް ހެދިޔަސް ފަހު ބަސް ބުނަން މިއޮތީ އެހެން ދިމާލެއްގައި ނޫންތޯ އެވެ؟ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައި ރާވެރިކަމުގައި ފޯރި ކެނޑިގެން ދިޔަ ގޮތަކީ މި ކަމެކޭ ވަކި ތަފާތެއް ނެތެއް ނޫންތޯ އެވެ؟" ލަތީފް ސުވާލު ކުރެއްވި އެވެ.
"ބުނާތީ އަހަމެވެ. ރާ ބާލާ ރުށް ދޮށަށް އަންހެންވެރިން އަރުވާ ޖަހާފައި ދިއުން ހުއްޓުނީ ސީ ސޯޓެއް ރާއްޖެއަށް ތައާރަފްވެގެން މުންޑުގެ ބަދަލުގައި ސީ ސޯޓު ލައިގެން ފިރިހެން ވެރިން ރުކަށް އަރަން ފެށުމުންނެވެ. މަޖިލިސް ވެސް މިހާރު ވެފައި މިވަނީ އެކަހަލަ ތަނަކަށް ނޫންތޯ އެވެ؟"
ބެލެވޭ ގޮތުގައި ލަތީފް އެ އިޝާރާތް ކުރެއްވީ މަޖިލިހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެ އެ ކޯޓުން ކުރި ހުކުމަށެވެ.
ލަތީފް ވަނީ ބާރުތައް އެއް ދިމާލަކަށް ޖަމާކުރަން ވެގެން ކަންކަމަށް ގެންނަމުންދާ ބަދަލުތައް ސަލީމްއަށް ނުވިސްނެވޭތޯ ސުވާލު ކުރައްވައިފަ އެވެ. އަދި މަޖިލިހުގައި މިގޮތަށް ތިއްބެވުމަށްވުރެ ރާވެރިކަން އާލާކޮށް "މުންޑު ލައިގެން ރުކަށް އަރަން ދިއުން" މާ ބުއްދިވެރި ކަމަށް އޭނާ ވިދާޅުވި އެވެ.
ލަތީފްގެ މި ވާހަކަތަކާ ގުޅިގެން އޭނާ ގްރޫޕުން ބޭރު ކުރަން ގޮވާލި މެމްބަރުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލާއި އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވަ އެވެ. އަދި ވައިބާ ގްރޫޕްގައި ކުރެވޭ ބަހުސަށް ބައެއް މެމްބަރުން ތާއީދު ކުރެއްވި އެވެ.
މެމްބަރު މުހައްމަދު ވިދާޅުވި ގޮތުގައި ލަތީފްގެ ނަސޭހަތް މީގެ ދޮޅު އަހަރު ކުރިން ވަނީ ފެނިފަ އެވެ. މެމްބަރު ލަތީފަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅިއަށް އަރައިވަޑައިގަތުމަށްފަހު، ފަހުން ރައީސް ޔާމީންގެ ފަޅިއަށް ބަދަލުވެވަޑައިގެންނެވި އެއް މެމްބަރެވެ.
"ލަތީފް މިހާރުން މިހާރަށް ޕީޖީ ވައިބާ ގްރޫޕުން ވަކިކޮށް ދެއްވުމަށް ޕީޖީ ލީޑަރަށް ގޮވާލަން. ހުރިހާ ފިތުނައަކާ ހުރިހާ ހަމަނުޖެހުމެއް އުފައްދަނީ ލަތީފް ކަމަށް ފެނޭ،" ފަލާހް ވިދާޅުވި އެވެ.
މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް އަލުން ވެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތާ ގުޅިގެން، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި ރައީސް ޔާމީނާއި މެމްބަރުންނާ ދެމެދު ކުރި މެސެޖުތަކެއް މިއަދު ދަނީ ފުލުފުލުގައި ލީކްވަމުންނެވެ. އެ މެސެޖުތައް ލީކްކުރާ މައްސަލާގައި ވެސް ބައެއް މެމްބަރުން ވަނީ އެ ގްރޫޕްގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ހިޔާލު ތަފާތުވުން ބޮޑުވެ، މެމްބަރު ލަތީފް ގްރޫޕުން ބޭރުކުރަން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ