ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ހަފަތަށް ނުޖެހޭނެ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރިޔާޒު އެގޮތަށް ވިދާޅުވީ އޭނާގެ މައްޗަށް ފުލުހުން މިހާރު ހިންގަމުންދާ، ހަގީގަތާ ޚިލާފު ދޮގު ވާހަކަ ފަތުރައި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ މުއައްސަސާ ބަދުނާމުކޮށް، ދޮގު ވާހަކަ ދެއްކެވުމުގެ ތުހުމަތުގެ ތަހުގީގަށް އާދިއްތަ ދުވަހު ހާޒިރުވެވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރިޔާޒު ވިދާޅުވީ މި މައްސަލައަކީ ސިޔާސީ މަގްސަދެއްގައި ސިޔާސީ ބޭނުމަށް ހިންގާ ތަހުގީގެއް ކަމަށެވެ. އަދި ތަހުގީގު ހިންގަނީ ވެސް ގާނޫނުތަކާއި އުސޫލްތަކާއި ހިލާފަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑާ ކުރެއްވި އެއްސުވާލު ދައްނަވާލާނަން. ކިނބިދޫ ދާއިރާގެ އެއްވެސް މީހެއްގެ މައްސަލައާ ބެހޭގޮތުން، އޭނާ ބަންދުކޮށްފައި ހުރި މީހެއް ނުވަތަ ތުހުމަތަށް ހައްޔަރު ކޮށްފައިހުރި އެއްވެސް މީހެއްގެ އެއްވެސް ކަމަކާއި، އެއްވެސް މައުލޫމާތެއް ސާފުކުރަން، ނުވަތަ އެމީހަކު ދޫކޮށްލަން މަސައްކަތެއް ކުރިންތޯ ސުވާލުކުރި. އެކަހަލަ ސުވާލެއް ކުރީމާއި ވަރަށް އުފާވި. އެއީ އަޅުގަނޑަކީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަރަށް ގާތުން މަސައްކަތް ކުރާ އެ ދާއިރާގެ މެމްބަރު. އަޅުގަނޑު ދާއިރާގެ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު މަސައްކަތް ކުރާކަމަށް ސަރުކާރުން ގަބޫލު ކުރުމަކީ އެއީ ރަނގަޅެއް ކަމަށް އަޅުގަނޑު ދެކެނީ،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒުގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ރިޔާޒުގެ މައްޗަށް ފުލުހުން ތުހުމަތުކުރާ އަމަލާއި، ގާނޫނުލްއުގޫބާތުގެ ފަސް މާއްދާއަކަށް ރިޔާއަތްކޮށް ފުލުހުން ހިންގާ ތަހުގީގާއި ދިމާ ނުވާކަމަށެވެ.
ނޫރުއްސަލާމް ވިދާޅުވީ ރިޔާޒު ހިންގި ކަމަށް ފުލުހުން ބުނާ އަމަލަކީ ދޮގު ވާހަކަ ފެތުރުމާއި ފިތުނަ ފަސާދަ އުފެއްދުން ކަމަށް ބުނާއިރު، އެ އަމަލަށް ތުހުމަތުކޮށް ތަހުގީގު ހިންގަނީ ގާނޫނުލްއުގޫބާތުގެ 511، 513، 514 އަދި 533 ވަނަ މާއްދާގައި ފަސް އަކުރަކަށް ރިޔާއަތް ކޮށްކަމަށެވެ. ނަމަވެސް އެއިން އެއްވެސް މާއްދާއެއްގައި ދޮގު ވާހަކަ ފެތުރުމާއި ފިތުނަ ފަސާދަ އުފެއްދުމުގެ ވާހަކަތައް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަބްދުﷲ ރިޔާޒުގެ މައްޗަށް ތުހުމަތު ކުރާ އަމަލަކީ ދޮގު ވާހަކަ ފެތުރުމާއި ފިތުނަ ފަސާދަ އުފެއްދުން. އެއަމަލަށް ތުހުމަތުކޮށް ގާނޫނުލްއުގޫބާތުގެ 511، 513، 514 އަދި 533، އެހަތަރު މާއްދާގައި ހިމެނޭ ފަސް އަކުރަކަށް ފުލުހުން ހަވާލާދެނީ. މިއިން އެއްވެސް މާއްދާއެއްގެ އެއްވެސް އަކުރެއްގައި ދޮގު ވާހަކަ ފެތުރުމާއި ފިތުނަ ފަސާދަ އުފެއްދުމުގެ އައިސްފައެއްނެތް. އެކަމާއި ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން އެކަށީގެންވާ ޖަވާބެއް ފުލުހުން ދީފައެއް ނުވޭ،" ނޫރުއްސަލާމް ވިދާޅުވި އެވެ.
ނޫރުއްސަލާމް އިތުރަށް ވިދާޅުވީ ފުލުހުންގެ ސުވާލުތައް ހުރީވެސް މައިގަނޑު ގޮތެއްގައި މީގެ ކުރިން ރިޔާޒުގެ އަތުން ފުލުހުން އަތުލި ފޯނުގައި ހުރި މުއާމަލާތްތަކެއްގެ މައްޗަށް ކަމަށެވެ.
"މައިގަނޑު ގޮތެއްގައި ސުވާލުތައް ބިނާކޮށްފައި ހުރީ އަބްދުﷲ ރިޔާޒުގެ އަތުން އަތުލެވުނު ފޯނުން އެކި މީހުންނާއެކު ކޮށްފައިވާ މުއާމަލާތްތަކެއްގެ މައްޗަށް. އެހެންވެ، ރިޔާޒުު ތަހުގީގުގައި ވިދާޅުވެފައިވަނީ އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރޭ އެ ފޯނު ގެންދިއުމުގައި ފުލުހުން އަމަލުކޮށްފައިވާ އިޖުރާއަތަކީ ގާނޫނީ ގޮތުން ސައްހަ ނޫން ބާތިލް އިޖުރާއަތެއް ކަމަށް ކޯޓުން ކަނޑައަޅާފައިވާތީ އެ ސުވާލުތައް އެގޮތަށް ކުރުމަކީ އަދި އެ ސުވާލުތަކަށް ޖަވާބުދާރީ ވުމަކީ ކޯޓުން އެގޮތަށް ހުކުމް ކޮށްފައިވަނިކޮށް ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ކުރެވިދާނެ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް،" ނޫރުއްސަލާމް ވިދާޅުވި އެވެ.
ނޫރުއްސަލާމް ވިދާޅުވީ މީގެއިތުރުން މި ތަހުގީގު ކުރިއަށް ގެންދިޔުމުގައިވެސް ގާނޫނީ އިޖުރާއަތުގައި އަކުރުން އަކުރަށް ބަޔާންކޮށްފައިވާ ކަންތައްތަކަކަށް ކަނޑައެޅިގެން ހިލާފަށް ތަހުގީގު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން: އަބްދުﷲ ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ