ޑރ. ޚަލީލަކީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލެއް ނޫން: މައުމޫން

ޑރ. އަބްދުﷲ ޚަލީލް ކިޔާ ބޭފުޅަކު ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ކަމަށް އައްޔަންކޮށްފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު އެމްޑީޕީން މިމަހުގެ 12 ވަނަ ދުވަހު އެމަނިކުފާނަށް ފޮނުއްވި ސިޓީއަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު އެމަނިކުފާނު އެމްޑީޕީއަށް ފޮނުއްވި ސިޓީއެއްގަ އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ސޮއިކުރައްވާ ރައީސް މައުމޫނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިިވަނީ ޕީޕީއެމްގެ ނަމުގައި "ޑރ. އަބްދުﷲ ޚަލީލް" މިނަން ޖައްސަވާ، ސޮއި ކުރައްވާފައިވާ ސިޓީއެއް އެމްޑީޕީއަށް ފޮނުއްވާފައިވާ ކަން ނުވަތަ ނޫންކަން ސާފުކޮށްދެއްވާ، އަދި ސޮއި ކުރައްވާފައިވާ ނަމަ، ސޮއި ކުރައްވާފައިިވަނީ ކޮން ހައިސިއްޔަތަކުން ކަން ސާފުކޮށްދެއްވުމަށް އެދޭ ކަމަށެވެ.
އެމްޑީޕީން މިފަދަ ސިޓީއެއް ރައީސް މައުމޫނަށް ފޮނުއްވީ ޕީޕީއެމުން އެމްޑީޕީއަށް މިމަހުގެ 12 ވަނަ ދުވަހު ފޮނުވި ސިޓީއަކާއި ގުޅިގެންނެވެ.
ޕީޕީއެމުން އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ 54 ވަކީލަކު ސަސްޕެންޑް ކުރުމާ ގުޅިގެން ގުޅިފައިވާ ޕާޓީ ތަކުން ނެރުނު ބަޔާނުގައި ޕީޕީއެމްގެ ނަން ހިމަނައިގެން އެ ބަޔާން ނެރެ، އެމްޑީޕީގެ ވެބްސައިޓްގައި ޝާއިއުކުރުމާ ގުޅިގެން އެ ބަޔާނުން ޕީޕީއެމްގެ ނަން މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ޖެހުމުގެ ކުރިން އުނިކުރުމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވެގެން ދިޔައިރު އެ ބަޔާނުން ޕީޕީއެމްގެ ނަން އުނިކޮށްފައެއް ނުވެ އެވެ.
އެމްޑީޕީގެ ސިޓީއަށް ރައީސް މައުމޫން ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވައިދު ތަންދޭ ގޮތުގެމަތިން ޕީޕީއެމްގެ ގައުމީ ޖަލްސާއިން އިންތިހާބުކޮށްފައިވާ ޕީޕީއެމްގެ ކައުންސިލުން ޑރ. އަބްދުﷲ ޚަލީލް ކިޔާ ބޭފުޅަކު ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އައްޔަންކޮށްފައި ނުވާނެ ކަމަށެވެ.
އެމްޑީޕީން ރައީސް މައުމޫނަށް ފޮނުއްވި ސިޓީގައި އެމަނިކުފާނާ މުހާތަބު ކުރައްވާފައިވަނީ ޕީޕީއެމްގެ ރައީސްގެ ގޮތުގަ އެވެ. ނަމަވެސް ޕީޕީއެމް ހިންގުމާ ހަވާލުވެގެން ތިއްބެވި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްގެ ގޮތުގައި މިހާރު މުހާތަބު ނުކުރެއްވޭނެ ކަމަށާއި ޕީޕީއެމްގެ ދަަފްތަރުން ރައީސް މައުމޫންގެ ނަން އުނިކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރައީސް މައުމޫނާ މުހާތަބު ކުރައްވާއިރު ޕީޕީއެމްގެ ރައީސްގެ ގޮތުގައި މުހާތަބް ކުރައްވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް ވެސް ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން ގެންދަނީ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ