ސުޕްރީމް ކޯޓުގެ މިހާރުގެ އަގުލަބިއްޔަތަކީ ތން ފަނޑިޔާރުން ކަމަށްވާތީ ދުސްތޫރީ މައްސަލަތައް ތިން ފަނޑިޔާރުންގެ ބެންޗަކަށް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
އެ ކޯޓުން މިގޮތަށް އަމުރު ނެރުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލީ ކޯޓުތަކުގެ ގާނޫނާއި ހިލާފަށް ކަމަށް ރޭ އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނިކޮށެވެ.
ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އެ މާއްދަގެ (ހ) ގައި ބަޔާންކުރާ މައްސަލަތައް ސުޕްރީމް ކޯޓުން ބަލައި ނިންމަންވާނީ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން މަދުވެގެން ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން، އެ މަޖިލީހުގައި އެ ހުރިހާ ފަނޑިޔާރުން ހާޒިރުވެތިގެން ކަމަށެވެ.
ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ އެގޮތަށް ކޯޓުތަކުގެ ގާނޫނުގައި ބުނެފައިވަނީ އޭރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަގުލަބިއްޔަތަކީ ފަސް ފަނޑިޔާރުންކަމަށްވާތީ ކަމަށެވެ. އެކަމަކު މިހާރު ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރެވިފައިވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތަކީ ތިނެއް ކަމަށެވެ.
މިރޭ ނެރުނު އަމުރުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި އިންސާފު ގާއިމްކުރުމަކީ ކޯޓްތަކުގެ ދުސްތޫރީ މަސްއޫލިއްޔަތެއްކަމަށާއި އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެހުރި މީހަކުވިޔަސް ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒުފޯރުވައި ހަދައިގެން ނުވާނެކަމަށް ސާފު ބަހުން ބުނެފައިވާކަމަށެވެ. އެހެން ކަމުން ކޯޓުން ނިންމާފައިވާ ނިންމުމަކާއި ދެކޮޅަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެ ވެ.
ތިން ފަނޑިޔާރުންނަކީ މިހާރުގެ އަގުލަބިއްޔަތު، ދުސްތޫރީ މައްސަލަ ބެލޭނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ