މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭންޖެހޭ - ރައީސް

ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މަންފާ ސެންޓަރަށް 15 އަހަރުން ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އޭޖް ކެއަރ މޯލްޑިވްސް ގެ ނަމުގައި މިހާރު ހިންގަވާ އެ ސެންޓަރަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވެވި ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދޮށީ ޢުމުރުގެ މީހުންނަށް މިއަދު ކުރިމަތިވަމުން އަންނަ އެންމެ ބޮޑު މައްސަލައަކީ މުސްކުޅިވި ދުވަހު ލޯބިދީ އަޅައިލާނޭ ދަރިން، ކައިރީގައި ނެތުމުގެ ހިތްދަތި އިޙްސާސްކުރަންޖެހި އެމީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތައް ކަމުގައެވެ. އެހެންކަމުން މިކަމާމެދު ވިސްނައި މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާނުލައި، ކޮންމެ މީހެއްގެ ވެސް ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެން ބޮޑެތިވެ، އަމިއްލަ ދިރިއުޅުން ފަށާފައިވާ ނަމަވެސް، އެހިސާބުން މައިބަފައިން ދޫކޮށްލައިގެން ނުވާނެ ކަމަށާއި، ދޮށީ އުމުރަށް ދިޔުމުން މައިންބަފައިން އެންމެ ބޭނުންވާނީ ކައިރީގައި ހިދުމަތްކޮށްދޭން ހުންނަ ބިދޭސީ މީހާގެ ބަދަލުގައި ދަރީންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ކަމަށެވެ.
"އަޅުގަނޑުމެން ބޮޑެތިވެ އަމިއްލަ ދިރިއުޅުމެއް ފަށާފައިވިޔަސް މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާލައިގެން ނުވާނެ. ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއް" ރައީސް ވިދާޅުވިއެވެ.
މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ތަރައްޤީގެ ގޮތުގައި މިފެންނަ ކޮންމެ ކަމަކީ، މުސްކުޅިކުރެވިފައިވާ ބޭފުޅުންގެ، ޤައުމީ ޚިދުމަތުގެ މަލަތައްކަމުގައެވެ. އެހެންކަމުން އެ މީހުންގެ ޚިދުމަތުގެ އަގު، އަބަދުވެސް ވަޒަންކުރަން ޖެހޭނެކަމަށާއި، އަބަދުވެސް އެމީހުންނަށް އިޙްތިރާމް ކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ދޮށީ ޢުމުރުގެ މީހުންނަށް ޙަރަކާތްތެރި ދިރިއުޅުމެއް އުޅެވޭނެ ފުރުޞަތު ފަހިކޮށްދިނުމާއެކު އަމާން މާޙައުލެއް މުޖުތަމަޢުގެ ތެރެއިން ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހުރިހާ އުމުރެއްގެ މީހުން ވެސް ދޮށީ ޢުމުރުގެ މީހުންނަށް އަޅާލައި، އިޙްތިރާމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މަންފާ ސެންޓަރުގެ ފައުންޑާ މެންބަރުން ކަމުގައިވާ ޑޮކްޓަރ އާމިނަތު ޖަމީލާއި އެކަމަނާގެ ފިރިކަލުން މުޙައްމަދު އިސްމާޢީލް އަށާއި މަރުކަޒުގެ އިސް ވެރިންނަށާއި މެންބަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މެދު ނުކެނޑި 15 އަހަރު ޚިދުމަތް ދިނުމަކީ ކާމިޔާބީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި، 10 އަހަރަށްވުރެ ގިނަ ދުވަހު މެދުނުކެނޑި ޚިދުމަތްކުރައްވާފައިވާ މަންފާގެ މެންބަރުންނަށާއި، ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށާއި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހަނދާނީ ފިލާ ދެއްވިއެވެ.
މަންފާ ސެންޓަރަކީ، ދޮށީ ޢުމުރުގެ މީހުންނަށް އެ މީހުންގެ ޢުމުރާ ގުޅޭ ގޮތުން، ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގާ މަރުކަޒެކެވެ. ދޮށީ ޢުމުރުގެ ދުވަސްތައް ގުނަމުންދާއިރު، އުފާވެރި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރެވޭނެ ގޮތްތަކާ މެދު ހޭލުންތެރިކުރުމަކީ، މި މަރުކަޒުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ.
މިރޭގެ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ފަޒުނާ އަހުމަދާއި ރައީސުލްޖުހޫރިއްޔާގެ ނައިބުގެ ދެކަނބަލުންގެ އިތުރުން ދަޢުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ