ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އަމަލުކުރާނެ ކަމަށާއި ނަމަވެސް މަޖިލިސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާތީ ކޯޓުގެ ނިންމުމަށް ކޮމިޝަނުން ފުރިހަމައަށް ތަބާވާނެ ކަމަށެެވެ. ނަމަވެސް ކޯޓުގެ ނިންމުމާ ގުޅިގެން ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަން ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ޝަރީފް ވިދާޅުވީ ގައުމީ އިންތިހާބު ތަކަކީ ވަކި ތާރީހުތަކަކަށް ވަކި ކަންތައްތަކެއް ނިންމުމަށް ވަރަށް ބޮޑަށް އިންތިޒާމު ކުރެވިފައިވާ އިންތިހާބުތަކަކަށްވާއިރު ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމާ ގުޅިގެން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ބައެއް ކަންކަން ކުރިން އިންތިޒާމުކޮށްފައިވާ ގޮތަށް ގެންދިއުމަށް ދަތިވެގެންދާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ކަނޑައެޅުމަށް ގުރުއަތުލުމަށް ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމާ ގުޅިގެން ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ކަނޑައެޅުމަށް ގުރުއަތުލުމަށް މިހާރު މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް މާޗް މަހުގެ ފަސްވަަނަ ދުވަހު ކަމަށެވެ. އެ ދުވަހު ގުރުއަތުލުން ކުރިއަށް ގެންދަން ނިންމީ ޕްރައިމަރީގައި ވާދަކޮށް ބަލިވި ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން މާޗް މަހު ހަތަރުވަނަ ދުވަހުގެ ނިޔަލަށް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލުމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވާތީ ކަމަށްވެސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ދޭން އަމުރުކޮށްފައިވަނީ މިއަހަރު މަޖިލިސް އިންތިހާބާ ގުޅިގެން ސިޔާސީ ޕާޓީތަކުން ބޭއްވި ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވި ކެންޑިޑޭޓުންނަށް އެކަނިތޯ ނުވަތަ އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެންމެންނަށްތޯ މިއީވެސް ސާފުވާންޖެހޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެންމެންނަށް އަލުން ފުރުސަތު ލިބޭނަމަ އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމަށްވެސް ޝަރީފް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އިއްވުން ލަސްވުމާ ގުޅިގެން އިންތިހާބުގެ ބައެއް ކަންކަން ކުރިން އިންތިޒާމު ކުރި ގޮތަށް ގެންދިއުމަށް ދަތިވި ނަމަވެސް ކޮމިޝަންގެ މުވައްޒަފުން ޓީމެއްގެ ގޮތުގައި ރެއާ ދުވާލު މަސައްކަތް ކޮށްގެން ނަމަވެސް މިހާރު ކަނޑައަޅާފައިވާ ތާރީހަށް އިންތިހާބު ބާއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުން ރެއާ ދުވާލު ހޭލާ ތިބެގެން ނަމަވެސް އިންތިހާބު މިހާރު އޮތް ތާރީހަށް އިރާދަކުރެއްވިއްޔާ އިންތިހާބު ބާއްވާނަނަް،" ޝަރީފް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީން ބަލިވިޔަސް ގައުމީ އިންތިހާބުތަކުގައި ވާދަކުރުމަށް ފުރުސަތު ދިނުމާ މެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ދެންނެވުމުން ޝަރީފް ވިދާޅުވީ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތަކީ ގާނޫނުއަސާސީގައި ކޮންމެ މީހަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި ވާދަކޮށް ބަލިވާ ބޭފުޅުންނަށް ގައުމީ އިންތިހާބުތަކުގައި ވާދަކުރުމަށް ފުުރުސަތު ދިނުމަށް އޭނާ ތާއީދުކުރައްވާ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލުމުން އިންތިހާބުގައި ވާދަކުރަން 403 މީހަކު ފޯމް ހުށަހެޅުމުން އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ދީފައިވަނީ 395 މީހަކަށެވެ.
މަޖިލިސް އިންތިހާބުގައި 507 ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާއިރު މިއިންތިހާބުގައި 264589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުކުރި ނަމަވެސް އިންތިހާބުގެ ތާރީހަށް ބަދަލެއް ނުގެންނާނަން: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ