ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ކެންޑިޑޭޓުން އިންތިހާބު ކުރަން ޖެހޭ: ގާސިމް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ޒިންމާދާރު ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުން އިންތިހާބު ކުރަން ޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާމިގިލީ ދާއިރާއަށް ތިންވަނަ ދައުރަކަށް ވާދަކުރައްވާ ގާސިމް މިރޭ ވަނީ އެ ރަށުގައި އޭނާގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިފަ އެވެ. ކެމްޕެއިން ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ސަރުކާރު ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު ސަރުކާރު ޒިންމާދާރުކުރުމަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ކުރުން ކަމަށެވެ. "ކޯލިޝަނަށް މަޖިލިސް މެޖޯރިޓީ ލިބިގެން ދިޔުމާއި އަދި އޮޕަޮޒިޝަނަށް ވެސް ޒިންމާދާރު ކުރެވޭ ވަރުގެ އަދަދެއް ތިބޭ ގޮތަށް ރައްޔިތުން ރައްޔިތުންގެ މަޖީލީހަށް އިންތިހާބުކޮށްދެއްވުމަކީ، އެއީ އަޅުގަނޑުމެންނަށް އެންމެ ފައިދާވާނެ، ރާއްޖެއަށް އެންމެ ރަނގަޅުވާނެ،" ގޮތްކަމަށް ގާސިމް ވިދާޅުވިއެވެ. "އޮޕޮޒިޝަން މެމްބަރުން މަޖިލިސްގައި ތިބެންޖެހޭ. އެބޭފުޅުންނަށް ސަރުކާރު ޒިންމާދާރު ކުރުމަށް ގިނަ ސުވާލު ކުރެވޭނީ. ގިނަ ކަންތައްތަކަށް އިސް ނެނގޭނީ. [މަޖިލީހުގައި] އޮޕޮޒިޝަނެއް ވެސް އޮންނަން ޖެހޭ،" ގާސިމް ޖުމްހޫރީ ޕާޓީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް ގާސިމް ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރުމަށް ތިބޭ ބަޔަކީ އިދިކޮޅު ޕާޓީތައް ކަމަށާއި އެއީ އެމީހަކު އަމިއްލައަށް ކުށްކޮށް، އަމިއްލައަށް ގާނޫނެއް ހަދައި، އެ ގާނޫނެއްގެ ދަށުން ނިޔާ ކަނޑައަޅައި އެކަން އަމިއްލަ ނަފްސަށް ތަންފީޒު ކުރުމަކީ ވާނެ ކަމަކަށް ނުވާތީ ކަމަށެވެ. ސަރުކާރު ކޯލިޝަން ތެރޭ މަޖިލިސް އިންތިހާބުގެ ގޮނޑިތައް ބަހާނެ ގޮތަކާ މެދު އެއްބަސްވުމަކަށް ނާދެވި ސަރުކާރުގެ ކޯލިޝަން ތެރޭގައި ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. އެއާ އެކު މަޖިލިސް އިންތިހާބާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ބައެއް މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި އިދިކޮޅު "ޕްރޮގްރެެސިވް ކޮންގްރެސް" ކޯލިޝަނުން ވަނީ ޖުމްހޫރީ ޕާޓީއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު މަޖިލިސް އިންތިހާބުގައި އެ ޕާޓިން ޓިކެޓްދިން ބައެއް ދާއިރާތަކުގެ ޓިކެޓް އަތުލައި އެ ދާއިރާތަކަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީން ބައެއް ދާއިރާތަކަށް "ޕްރޮގްރެސިވް ކޮންގްރެސް"ގެ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަން ވަނީ ނިންމަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ