ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރަން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވިލިމާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ ސާފުކުރަން ފަށައިފިއެވެ.
ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފް އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެންނެވެ.
ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރަން ފެށިއިރު، މިދިޔަ ހޯމަ ދުވަހު ވަނީ މާލޭގެ މަގުތައް ވެސް ޑިސްއިންފެކްޓު ކޮށްފައެވެ. އަދި އިއްޔެ އާއި މިއަދު ހުޅުމާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މާލެ ސަރަހައްދުގެ އިތުރުން މާދަމާ އިން ފެށިގެން އައްޑޫ ސިޓީގެ އަވަށްތައް ވެސް ޑިސްއިންފެކްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން އަށް މީހަކު ރަނގަޅު ވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާއިރު، ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ