ރައީސް ނަޝީދަށް ދިން ހަމަލާގެ އަޑީގައި ތިބި މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ރައީސް

މި މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ އަޑީގައި ތިބި މީހުން ހޯދައި، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ހަމަލާގެ ސަބަބުން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވެރިވެފައިވާ ކަމަށެވެ. އެ ހަމަލާ އަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި، މީހެއްގެ ފުރާނަ ދުއްވައިލުމަށް ދޭ އެފަދަ ހަމަލާތަކުން އެކަން ކުރާ ބަޔަކު ބޭނުންވާ އެއްވެސް މަގުސަދެއް، މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ހާސިލެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. "މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، ގާނޫނުތައް އެފަދަ މީހުން ވަށައިލާނެ. އަދުުލު އިންސާފު އަރައި ހަމަކުރާނެ. އެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް، މިހާތަނަށް ފާހަގަކުރެވުނު ތިން މީހަކު، މާތް ﷲގެ އިރާދަފުޅުން މިހާރު އެތިބީ، ގާނޫނުގެ ބާރުގެ ދަށަށް ގެނެވިފައި. މިނިވަން ތަހުގީގަކަށް ފަހު، އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ. އެމީހުން އެކުރި އަމަލުތަކަށް އެމީހުން ޒިންމާދާރު ކުރުވޭނެ،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، އިޖުތިމާއީ ގުޅުންތަކަށް އަސަރުކޮށް މުޖްތަމައުގެ ހަމަޖެހުމާއި އުފާވެރިކަން ގެއްލިގެންދާ ކަމަށެވެ. ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އެ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާ ކަމަށް ބެލެވޭ މީހާ އާއި، ހަމަލާ ދިން އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިމީހާއާއި އެ ދެމީހުންނާ ގުޅުންހުރި އިތުރު މީހަކު ހިމެނެ އެވެ. އެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އެމަނިކުފާނު ގެންދަވަނީ އެ އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ބޮޑީގާޑުންނަށާއި އާންމުގެ މީހަކަށްވެސް އެ ހަމަލާގައި އަނިޔާވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ