މެލޭޝިއާއަށް އަދިވެސް މޫސުން ގޯސް، ފެން ބޮޑުވުމުގެ ނުރައްކާ ބޮޑު

މެލޭޝިއާގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ހުއްޓުމެއް ނެތި ވާރޭ ވެހި، އެ ސަރަހައްދުތަކުގައި ފެން ބޮޑުވުމުގެ ނުރައްކާ އޮތް ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ކޮޅިގަނޑުގެ އަސަރު ގަދަ ވާނެ ކަމަށާއި އެންމެ ބޮޑަށް އެ އަސަރު ކުރާނީ އެ ގައުމުގެ އުތުރުގެ ސަރަހައްދުތަކަށް ކަމަށެވެ. މެދުނުކެނޑި މިދިޔަ ހަފްތާ ބަންދުގައި މެލޭޝިއާއަށް ކުރި ބޯ ވިއްސާރައިގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 18 އަށް އަރާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ. މިކަމާ ގުޅިގެން ސަލާމާތީ ބާރުތަކުން އެހީ ފޯރުކޮށްދިނުން ލަސްވެފައި ވާތީ އެ ގައުމުގެ ރައްޔިތުން ވަނީ ސަރުކާރަށާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ފާޑު ކިޔާފައެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މެލޭޝިއާގެ ބޮޑުވަޒީރު އިސްމާއިލް ސަބްރީ ވިދާޅުވީ އެހީ ލަސްވާ ކަމަށް އިންކާރު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރަށް ވުރެ ރަނގަޅު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މެލޭޝިއާގެ ރަސްމީ ނޫސްއެޖެންސީ "ބެރްނާނާ" ބުނާގޮތުން މިހާރު އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އެގައުމުގެ އެންމެ މުއްސަނދި އަދި އާބާދީ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ސެލެންގޯ ގައެވެ. މެލޭޝިއާގެ 16 ސްޓޭޓްގެ ތެރެއިން އަށް ސްޓޭޓްގައި ފެންބޮޑުވެފައިވާކަމަށް "ބެރްނާނާ" ހަބަރުދެއެވެ. ރަސްމީ ނޫސްއެޖެންސީ "ބެރްނާނާ" ބުނާގޮތުން ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 21 ހާސް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. އަދި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް ފެނާއި ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް ސަލާމަތީ ބާރުތަކާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ބާރުތައް ހަރަކާތްތެރިވަމުން ދާކަން "ބެރްނާނާ" އިން ރިޕޯޓްކޮށްފައިވެއެވެ. ބޮޑުވަޒީރު އިސްމާއިލް ސަބްރީ ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އަވަސް އެހީ ފޯރުކޮށްދިނުމުގެ އިތުރުން ގެއްލުން ލިބުނު ގެތަކާއި ތަންތަން މަރާމާތު ކުރުމަށް މެލޭޝިއާގެ މައި ސަރުކާރުން 23.7 މިލިއަން ޑޮލަރު ހަރަދުކުރާނެކަމަށް ވިދާޅުވެފައެވެ. މެލޭޝިޔާގެ މޫސުމާބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެގައުމުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ކުރެވޭތީ އެލާޓްތައް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ