ކާށިދޫ އާއި މަހިބަދޫގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރަން ކޭބަލް ގެންގޮސްފި

ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ލޯ-ވޯލްޓޭޖް ކޭބަލް ކ. ކާށިދޫ އަދި އދ. މަހިބަދޫއަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ބުނީ މީޑިއަމް ވޯލްޓޭޖްގެ 3400 މީޓަރުގެ ކޭބަލާއި، ލޯ-ވޯލްޓޭޖް 2500 މީޓަރުގެ ކޭބަލް މިހާރު ކާށިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން މަހިބަދޫއަށް މީޑިއަމް ވޯލްޓޭޖްގެ 2000 މީޓަރުގެ ކޭބަލާއި، ލޯ-ވޯލްޓޭޖް 1000 މީޓަރުގެ ކޭބަލް ގެންގޮސްފައިވާ ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު ވިދާޅުވީ މި ކޭބަލްތައް އެރަށަށް ގެންގޮސްފައި ވަނީ މިހަފްތާ ތެރޭގައި ކަމަށެވެ. އަދި މި ދެރަށުައި ވެސް ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކާށިދޫގެ ކަރަންޓް ކެޕޭސިޓީ އަކީ މިހާރު 1728kWއެވެ. އަދި މަހިބަދޫގެ ކަރަންޓު ކެޕޭސިޓީއަކީ 2728kWއެވެ.
ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި ކޭބަލްތައް ކާށިދޫ އަދި މަހިބަދޫއަށް ގެންގޮސްފައި ވާއިރު ސްޓެލްކޯއިން ދަނީ އެހެނިހެން ރަށްރަށުގައިވެސް ހުންނަ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އެކުންފުނިން ވަނީ، ފެނާއި ނަރުދަމާ ނިޒާމު އަޅަން ހަވާލުނުކޮށް ހުރި ބައެއް ރަށްރަށުގައި އެ މަސައްކަތްތައް ކުރުމަށް ހަވާލުވެސް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ