ސުޕްރީމް ކޯޓަށް ދިޔާނާ ނުވަތަ މަހާޒު އައްޔަން ކުރުމަށް ލަފާ ދީފި

ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ގދ. މަޑަވެލި، މޭނާ މަހާޒު އަލީ ޒާހިރުގެ އިތުރަށް ސ.ހުޅުދޫ، ގޯރަންވިލާ ފާތިމަތު ދިޔާނާ ސައީދުގެ ނަންފުޅު ރައީސުލްޖުމްހުރިއްޔާއަށް ފޮނުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމަވައިފި އެވެ.
ކޮމިޝަނުގެ ރައީސް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކާއި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅާއެކު މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ތެރެއިން ކޮމިޝަނުން އެންމެ އިސްކަންދޭ ތަރުތީބު އެނގޭނެ ގޮތަށް ރައީސަށް ލަފާދިނުމަށް ވަނީ ފޮނުއްވާފައެވެ.
"ހައިލީ ރިކޮމެންޑެޑް" ކުރާ ދެ ބޭފުޅުންނަކީ ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދުގެ އިތުރަށް ޑްރަގް ކޯޓުގެ މިހާރުގެ ގާޒީ މަހާޒެވެ.
ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީން "ރިކޮމެންޑް" ކޮށްފައިވާ ބޭފުޅުންނަކީ ހދ. ވައިކަރަދޫ، ގްރީންވިލާ އަލްއުސްތާޛް މުހަންމަދު ނިޔާޒް، މއ. ވޭސައިޑް 610 އަލްއުސްތާޛް އަލީ ސަމީރުގެ އިތުރަށް، ދަފްތަރު ނަމްބަރު 6993 އަލްއުސްތާޛް ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.
މިހަތަރު ބޭފުޅުންނަކީވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މީގެކުރިން ކުރިމަތިލެއްވި ބޭފުޅުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ލަފާދިން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ނަންފުޅުތައް ފޮނުއްވުމުން، އެ ނަންފުޅުތަކާމެދު ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިވަގުތު ހުސްވެފައިވަނީ އެންމެ ފަނޑިޔާރެއްގެ މަގާމެވެ. އެއީ މީގެކުރިން ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ