ތެލުގެ އަގު ހެޔޮވުމާ ގުޅިގެން ކަމަށް ބުނެ ކަރަންޓުގެ އަގު ހެޔޮކޮށްފި

ތެޔޮ ވިއްކާ އަގު މިއަދުން ފެށިގެން ހެޔޮވުމާ ގުޅިގެން ކަމަށް ބުނެ ސްޓެލްކޯ އިން ދޭ ކަރަންޓްގެ އަގުހެޔޮ ކުރަން އެ ކުންފުނިން ނިންމައިފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ރައުފް ވިދާޅުވީ އެސްޓީއޯއިން އެ ކުންފުންޏަށް ތެޔޮ ވިއްކާ އަގު ހެޔޮ ކުރަން ނިންމުމާ ގުޅިގެން އެ ކުންފުންޏަށް ތެޔޮ ލީޓަރަކުން 10 ލާރި އަގު ހެޔޮކޮށް މިއަދުން ފެށިގެން ތެޔޮ ގަންނަން ލިބޭނެ ކަމަށެވެ. އެ ބަދަލާ އެކު މިހާރު ނަގަމުން އަންނަ ފިއުލް ސާޗާޖުން ޔުނިޓަކުން ތިން ލާރި ހެޔޮވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސްޓެލްކޯ އިން ދެމުންގެންދާ ކަރަންޓްގެ އަގު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޮޑުކުރި ފަހުން ފިއުލް ސާޗާޖު ހަތް ފަހަރަށް ވަނީ ބޮޑުކޮށްފަ އެވެ.
މީގެ ކުރިން ފިއުލް ސާޗާޖްއަށް ސަރުކާރުން ސަބްސިޑީ ދެމުން އައި ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ކަރަންޓް ބިލްތަކުން ސަބްސިޑީ ކަނޑާލައި ފިއުލް ސާޗާޖް ބޮޑުކުރުމުން ކަރަންޓް ބިލްތައް ވެސް ބޮޑުވި އެވެ.
ދައުލަތުގެ ބަޖެޓުން ކާޑުގެ ބާވަތްތަކަށް އެސްޓީއޯ އަށް ދެމުން ގެންދިޔަ ސަބްސިޑީ ދިނުމުގެ އުސޫލަށް މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެނައި ބަދަލާއި ގުޅިގެން ކާޑުގެ އަގުތައް ވެސް ބޮޑުވެފައި ވަނިކޮށް ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް އެސްޓީއޯއިން މިހާރު ވަނީ ކާޑުގެ ބާވަތްތަކާއި ތެލުގެ އަގުވެސް ހެޔޮކޮށްފަ އެވެ. އެގޮތުން ކާޑުގެ ބާވަތްތަކުގެ ތެރެއިން ހަނޑުލާއި ހަކުރުން 15 ޕަސަންޓު އަދި ފުށުން 12 ޕަސަންޓު ކުޑަކުރަން ވަނީ ނިންމާފައެވެ. އަދި ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮވާނެ ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ