ގާސިމް މަޖިލީހަށް ހާޒިރުނުކުރަން ވަނީ ނިންމާފައި: ޕޮލިސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ގާސިމް އިބްރާހީމް ހައްޔަރުކުރި ފަހުން މިއަދު ފުރަތަމަ ފަހަރަށް ބޭއްވި މަޖިލީހުގެ ޖަލްސާއަށް ގާސިމް ހާޒިރުކޮށްފައި ނުވާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކޮށް ބޭރުކޮށްލާފައިވާތީ ވީނިއުސް އިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ގާސިމް އިބްރާހީމް މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުކުރަން ފުލުހުން ނިންމާފައިވާ ކަމަށެވެ.
މަޖިލީހުގެ ޖަލްސާއަށް ގާސިމް ހާޒިރު ނުކުރަން ނިންމީ ހަމައެކަނި މިއަދުގެ ޖަލްސާއަށްތޯ ދެންނެވުމުން އޮފިސަރު ވިދާޅުވީ އެކަން ޖެހޭނީ އިތުރަށް ބަލާލަން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި މެމްބަރަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ، މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެ އެވެ.
މާމިގިލީ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް ބަންދުކޮށްފައި ހުރީ ތަހުގީގު ކުރާ މައްސަލައެއްގައި ކަމަށްވާތީ ގާސިމް މަޖިލީހަށް ހާޒިރު ނުކުރަން ފުލުހުން ނިންމީ ގާނޫނީ ކޮން ކަމަކަށް ބަލައިގެންތޯ ދެންނެވުމުން އޮފިސަރު އެ ސުވާލަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގުޅިފައިވާ ޕާޓީ ތަކުގެ ބައެއް މެންބަރުން ވިދާޅުވީ ގާސިމް އިބްރާހީމް ޖަލްސާތަކަށް ހާޒިރު ކުރެވެން ވާނެ ކަމަށާއި ގާސިމް ހުރީ ގާނޫނާ ހިލާފަށް ބަންދުކުރެވިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ