ކުޑަކުދިންނާއި ލާއިޤުވެގެން ނުވާ މިންވަރަށް، ކަންކަމަށް މަޖްބޫރުކުރުމަކީ ގޯހެއް!

ދަރީން ކުޑައިރު ތަނެއް ދޮރެއް ނުވިސްނޭ ޢުމުރުގައި އެކުދީންނާ ލާއިޤުވެގެން ނުވާ މިންވަރަށް ދީނީ ކަންކަމަށް މާބޮޑަށް މަޖްބޫރުކުރުމަކީ އެއީ ތަރުބަވީ ޞައްޙަ މަންހަޖެއް ނޫނެވެ. ކުޑަކުދީންގެ ސިކުނޑިއާއި ބޮޑެތިމީހުންގެ ސިކުނޑިއަކީ ވަރަށް ތަފާތު ދެ ސިކުނޑިއެވެ.
ބައެއް މައިންބަފައިން، ދަރީން ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ ނަމުގައި
1- ވަރަށް ޅަ ޢުމުރުގައި ފަސްނަމާދު ކުރަން މަޖްބޫރު ކުރުވާ ބައެއް ފަހަރު ނިދާފަ އޮއްވާ ފަތިސް ނަމާދަށްވެސް ނަގައެވެ.
2- ކީރިތި ޤުރްއާންވެސް ގަދަކަމުން ކިޔަވައިދޭން މަސައްކަތްކުރެއެވެ. އަދި ކޮންމެ ދުވަހަކު މައިންބަފައިން ބުނާ މިންވަރަށް ޤުރްއާން ނުކިޔަވައިފިނަމަ ނުވަތަ ހިތުދަސްނުކޮށްފިނަމަ އެކަމާ ހިތްހަމަ ނުޖެހި ކުއްޖާއާ ދިމާލަށް ހަޅޭއްލަވާވެސް އެބަ ހަދައެވެ.
3- ކުއްޖާގެ ޢުމުރާ އެކަށީގެންނުވާ ތަކެތި ދަސްކޮށް ދިނުމަށްވެސް މަޖްބޫރު ކުރެއެވެ. މިސާލަކަށް ވަރަށް ޅަ ޢުމުރުގައި ނަމާދުގެ ނިޔަތްތައްވެސް ދަސްކޮށްދީފާނެއެވެ.
މިތަނުގައި މި ދެންނެވީ ޢުމުރުން، 2 އަހަރު 3 އަހަރުގެ ކުދިންގެ ވާހަކައެވެ. މިސާލަކަށް، އަދި ބައެއް ފަހަރު 4 އަހަރު 5 އަހަރުގައިވެސް އެއީ ދީނީ ކަންކަމަށް މިފަދަ ގޮތަކަށް ބާރު އެޅުމަށް އެންމެ ރަނގަޅު ޢުމުރަށް ނުވެދާނެއެވެ.
އިސްލާމްދީނުގެ އެންމެ މުހިންމު އަޅުކަން ނަމާދަށް ކުއްޖާއަށް އަމުރު ކުރުމަށްވެސް އޮންނަނީ ޢުމުރުން 7 އަހަރުވީމައެވެ. އެހެންވީމާ އޭގެ ކުރިން ޅަ ޢުމުރުގައި ގަދަކަމުން މަޖްބޫރުކޮށްގެން ނަމާދު ކުރުވުމަކީ އެއީ އެކަމުގެ ނަތީޖާ އެހާ ރަނގަޅުނުވެދާނެ ކަމެކެވެ.
މީގެ މާނައަކީ، ކުއްޖާ ދީނީ ކަންކަމަށް ޝަޢުޤުވެރިކުރުވުމަށް ޅަ ޢުމުރުގައި މަސައްކަތް ނުކުރާށެކޭ ނޫނެވެ. ދީނީ ކަންކަމަށް ޝައުޤުވެރިކުރުވުމާ ދީނީ ކަންކަން ގަދަކަމުން ކުރުވުމާ މިއީ މުޅީން ތަފާތު ދެކަމެކެވެ. ޅަ ޢުމުރުއްސުރެ ޝައުޤުވެރިކުރުވުމުގައި މައްސަލައެއް ނެތެވެ. މައްސަލައަކީ އެކަށީގެންނުވާ ޅަޢުމުރުގައި ކުއްޖާގެ ސިކުނޑިއަށް ބުރަވާގޮތަށް، ދީނަކީ ބުރައަކަށްވާ ވަރަށް ކަންކަން މަޖްބޫރު ކުރުވުމެވެ.
މިކަމުގެ ސަބަބުން ކުއްޖާ ދީނީ ކަންކަން ކުރާ ހިތް ނުވެ، އެކަންކަމަށް ނަފުރަތުކޮށް، ބައެއްފަހަރު މައިންބަފައިންދެކެ ރުޅިއައިސް، ބަސްނާހާ ކުދިންނަށް ވެދެއެވެ.
ދީނަކީ، ދީނީ ތަރުބިއްޔަތަކީ، ކުދީންގެ ޢުމުރާ ވިސްނާ ފިކުރު ކުރުމާއި ދެނެގަތުމުގެ ޤާބިލިއްޔަތުގެ މައްޗަށް ބިނާކޮށްގެން، ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަމުގައި ޤަބޫލުކޮށްގެން، އެހެންކުދީންނާ ކުއްޖާއާ އަޅާ ނުކިޔާ، ކުއްޖާ އެކަމަށް ޝަޢުޤުވެރިކޮށްގެން ކުއްޖާއަށް ފޯރުކޮށްދޭންޖެހޭ އެއްޗެކެވެ.
ލިއުނީ: الشيخ محمد شافع
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ