އެންމެންނާމެދު ހަމަޔާއި އިންސާފުން އަމަލުކުރުމަށް ބާރުއެޅުމަކީ އަޅުގަނޑުމެން ކުރަންޖެހޭކަމެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރަމަޟާންމަހުގެ ތަހުނިޔާ ޕީީޕީއެމްގެ މެންބަރުންނާއި، ރާއްޖޭގެ އެންމެހާ ރައްޔިތުންގެ އިތުރަށް މުޅި އިސްލާމީ އުންމަތަށް ފޮނުވުމުގެ ގޮތުން މިއަދު ނެރުއްވި ބަޔާނެއްގައެވެ.
މައުމޫންގެ ބަޔާނުގައި ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހަކީ، އިސްލާމީ އުންމަތުގެ ވަހްދަތާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ މަތިވެރި މުނާސަބަތެއްކަމަށާ މިކަން ސާބިތުކޮށްދޭ ވަރަށް ގިނަ ކަންތައްތައްވާކަމަށެވެ.
އިސްލާމްދީނުގެ އެހެން ރުކުންތަކާ ޚިލާފަށް މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަހިފުމުގައި އެއް ގައުމެއްގެ މީހުން ކޮންމެ ދުވަހަކުވެސް ރޯދަ ފަށާ ވަގުތާއި ރޯދަ ވީއްލާ ވަގުތަކީ އެއްވަގުތެއްކަމަށާ ތަރާވީޙު ނަމާދަކީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ޖަމާޢަތުގައި ކުރާ ނަމާދަކަމަށްވުމުގެ އިތުރަށް ކެއިންބުއިމުގެ ވަގުތަށް އަންނަ ބަދަލުގެ ސަބަބުން އެއް ގައުމެއްގެ އެންމެން އެއްވަގުތެއްގައި ކެއިންބުއިމާއި، އެއްވަގުތެއްގައި އެކަންކަމުން ދުރުހެލިވެތިބުމުން މުސްލިމުގެ ހިތްތަކުގައި އޮންނަ، އެއްބައިވަންތަކަމާއި ވަހުދަތުގެ ޝުޢޫރު، އެތައް ގުނައެއް އިތުރުވެގެންދާކަމަށެވެ.
ހަމަ އެހެންމެ ރަމަޟާން މަހަކީ، އެކަކު އަނެކެއްގެ ހާލުބެލުމާއި، އެކަކު އަނެކަކަށް އެހީތެރިވުމާއި، އެކަކު އަނެކަކަށް ރަޙުމް ކުރުމަށް ވަރަށް ޚާއްސަގޮތެއްގައި އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ މަހެއްކަމަށާ ދިވެހިރާއްޖެއަކީ، ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވުމާއެކު، މިމާތް މައްސަރުގެތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އަޚުވަންތަކަން ވަރަށް ބޮޑަށް ވަރުގަދަވާން ޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖެއަށް އަމާންކަމާއި، ހަމަޖެހުމާއި، ތަރައްގީ ހޯދައިދިނުމަށާއި، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އެންމެންގެ ހަމަހަމަކަމާއި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި، އެންމެންނާމެދު ހަމަޔާއި އިންސާފުން އަމަލުކުރުމަށް ބާރުއެޅުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއްކަމ،ަށްވެސް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ހަމަޔާއި އިންސާފުން އަމަލުކުރުމަށް ބާރުއަޅަންޖެހޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ