ތ. ތިމަރަފުށިން ކަރަންޓް ކެނޑިފައި އޮންނަތާ 24 ގަޑިއިރު ފަހުން އެރަށަށް ކަރަންޓް ދީފި އެވެ. 
ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުކުރު ދުވަހު ތިމަރަފުށިން ކަރަންޓް ގޮސްފައިވަނިކޮށް އެކަން ހައްލުކޮށް އެރަށަށް ކަރަންޓް ދެވުނީ ރޭ ދަންވަރު 2:00 ޖަހާއެހާއިރު ކަމަށެވެ.
ތިމަރަފުށިން ކަރަންޓް ކަނޑައިގެން ދިޔައިރު އެރަށުގެ އިންޖީނުގޭގައި އެކަން ހައްލުކުރަން އެނގޭ ވަރުގެ މުވައްޒަފަކު ނެތުމުން މައްސަލަ ހައްލުކުރީ އެ އަތޮޅަށް ހާއްސަކޮށްފައި ހުންނަ އިންޖީނިއަރު އެރަށަށް ގޮސްގެންނެވެ. 
އޮފިޝަލް ވިދާޅުވީ ތިމަރަފުށިން ކަރަންޓް ކެނޑެން ދިމާވި ވަކި ސަބަބެއް އަދިވެސް ސާފުވެފައި ނުވާ ކަމަށެވެ. ނަމަވެސް އެރަށަށް ކަރަންޓް ލިބުން ލަސްވީ ސިޔާސީ ބަޔަކު އެކަމަށް ހުރަސްއެޅުމުން ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
ތިމަރަފުއްޓަށް ހިދުމަތް ދެނީ 160 ކިލޯވޮޓާއި، 250 ކިލޯވޮޓާއި އަދި 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. 
ގާތްގަނޑަކަށް 1800 މީހުން ދިރިއުޅޭ ތިމަރަފުށިން ކަރަންޓް ކަނޑައިގެން ދިއުމުން ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހުނު ކަމަށް އެރަށު ކައުންސިލް އިދާރާއިން ވަނީ ބުނެފަ އެވެ.
    
    ތިމަރަފުއްޓަށް ކަރަންޓް ދީފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ