ދޮޅިޔަދޫ އިންވެސްޓްމަންޓުން ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ނެގި ލޯނު ނުދައްކައިފިނަމަ ށ. ދޮޅިޔަދޫ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އެ ބޭންކަށް ދީ، ހުކުމްކޮށްފި އެވެ.
ދޮޅިޔަދޫ އިންވެސްޓްމަންޓުން ބީއޯސީއިން ނަގާފައިވަނީ އަށް މިލިއަން ޑޮލަރުގެ ލޯނެކެވެ. އެ ލޯނު ނުދައްކާ އޮތްއިރު އިންޓްރެސްޓާއެކު 11 މިލިއަން ޑޮލަރަށް މިހާރު ވަނީ އަރާފަ އެވެ.
އެ ފައިސާ ހަތް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އަންގާފަ އެވެ. އަދި، އެ މުއްދަރުގައި ފައިސާ ނުދައްކައިފިނަމަ ލޯނު ނެގުމުގައި ރަހުނުގެ ގޮތުގައި ބެހެއްޓި، ދޮޅިޔަދޫ ވިއްކާލުމުގެ ހުއްދަ ބީއޯސީއަށް ލިބޭނެ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ރަށް ވިއްކާލުމަށް ކުރަން ޖެހޭ ހަރަދުތަކާއި ރަށް ވިއްކާލައިގެން ލޯނު ދައްކާ މިންވަރަށް ފައިސާ ނުލިބިއްޖެނަމަ އެކަމުގެ ޒިންމާ އެ ކުންފުނިން ނަގަންޖެހޭނެ ކަމަށާއި އެ ފައިސާތައް ކުންފުންޏަށް ނުދެއްކިއްޖެނަމަ ގެރެންޓީދިން ފަރާތްތަކުން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެ ލޯނަށް ގެރެންދިން ފަރާތްތަކުގެ ތެރޭގައި ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާ ވެސް ހިމެނެ އެވެ.
މީގެކުރިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި ލޯނެއް ނުދެއްކިގެން ވެސް އެ ރަށް ވިއްކާލުމުގެ ހުއްދަ ކޯޓުން ދީފައިވެ އެވެ.
ދަރަނި ދައްކަން ދޮޅިޔަދޫ ވިއްކާލުމުގެ ހުއްދަ ކޯޓުން ބޭންކަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ