ރިހެބުން ފަރުވާ ހޯދާ ކުދިންނަށް އެސްޓީއޯއިން ވަޒީފާ ދެނީ

މަސްތުވާ ތަކެއްޗަށް ފަރުވާ ހޯދާ ޒުވާނުން ނަށް ވަޒީފާ ދޭން އެސްޓީއޯ އިސްނަގައި، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެސްޓީއޯ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ. އަދި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝަހީލް އެވެ.
އެއްބަސްވުމާ ބެހޭ ގޮތުން އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ އެ ކުންފުނީގެ އިސްނެގުމަކީ މަސްތުވާތަކެތީގެ ބަލި ތަހަށްމަލް ކުރާ ޒުވާނުން އަނބުރާ މުޖުއަތަށް ނެރުމަށް ނެގި ފިޔަވަޅެއް ކަމަށެވެ.
"މަސްތުވާތަކެތީގެ ބައްޔަކީ މުޅި ރާއްޖެ އަށް ކުރިމަތިވެފައިވާ ބޮޑު މައްސަލަ އެއް. މީގެ އަސަރު ރާއްޖޭގެ ހުރިހާ އާއިލާ ތަކަށް ވެސް ފޯރާފައިވޭ. އެހެންވެ މި ކަމުން މުޖުތަމައު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ވާޖިބެއް،" ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯ އިން އެންޑީއޭއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގާ އެކި ކުންފުނިތަކުން ހަތަރު ކުއްޖަކަށް ވަޒީފާ ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. މިގޮތުން ފުރަތަމަ ވަޒީފާ ދޭނީ ލުއިކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ޕާފޯމަންސަށް ބެލުމަށްފަހު ފަހުން ދާއިމީ ވަޒީފާ ދޭނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެންޑީއޭގެ ސީއީއޯ ޝަހީލު ވިދާޅުވީ އެސްޓީއޯއަކީ އެންޑީއޭއާއެކު ވަރަށް ގާތުން މިހާރު ވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމަށް ނައިބް ރައީސް އަބްދުﷲ ޖިހާދުގެ ބެލުމުގެ ދަށުން ކުރަމުންގެންދާ މަސައްކަތްތަކުގައި ވީހާ ގިނަ ކުންފުނިތަކުން އެހީވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މަސްތުވާތަކެތިން ސާފު ވެފައިވާ މުޖުތަމައެއް ބިނާ ކުރުމަށް ކުރާ މަސައްކަތުގެ ބައެއް. މި މަސައްކަތުގެ ދަށުން އަމިއްލަ ކުންފުނިތަކުގައި މިހާރު ވެސް ބައެއް ކުންފުނިން ވަޒީފާ އަދާކުރަމުން ގެންދޭ،" ޝަހީލު ވިދާޅުވި އެވެ.
އެސްޓީއޯއަކީ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް ގިނަ ހިދުމަތްތަކެއް ކޮށްދެމުން ގެންދާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ