ތަސްމީނަކީ ޚުދުމުޚްތާރު ވެރިއެއް: މައުމޫން

ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެ ޕާޓީ ތެރޭގައި ކަންތައް ކުރައްވަމުން ގެންދަވަނީ އެއްވެސް މަޝްވަރާ ކުރެއްވުމެއް ނެތި ވަރަށް ހުދުމުހުތާރު ގޮތެއްގައި ކަމަށް ޕާޓީގެ ޒައީމް އަލްއުސްތާޒް މައުމޫން ގައްޔޫމްގެ އާއިލާ އިން މިރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގައި ރޭ ވާހަކަ ދައްކަވަމުން މައުމޫނަށް ފާޑުވިދާޅުވެ ތަސްމީން ވާހަކަ ދައްކަވާފައިވާތީ އެއަށް މައުމޫންގެ ފަރާތްޕުޅުން ރައްދު ދެއްވަމުން އެ މަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިރޭ ދިޓީވީގައި ވިދާޅުވީ ޑީއާރުޕީގެ މެމްބަރުން ތަސްމީނާ މެދު ހިތްހަމަނުޖެހޭ އެއް ސަބަބަކީ އޭނާއަކީ ހުދުމުހުތާރު ގޮތަށް ކަންތައް ކުރައްވާ ބޭފުޅަކަށްވާތީ ކަމަށެވެ. އަދި ތަސްމީންގެ ލީޑަޝިޕާ މެދު މެމްބަރުން ހިތްހަމަނުޖެހޭ އަނެއް ސަބަބަކީ މައުމޫން ވިދާޅުވި ގޮތުގައި އެއީ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާއިރު އެ ޕާޓީގެ ހަގީގީ ދައުރު ޑީއާރުޕީ ތެރެއިން އަދާކުރަމުން ނުދިއުމެވެ.
"އަދި އެ ދައުރު އަދާކުރުމަށްޓަކައި ބައެއް މެމްބަރުން އިސްނަންގަވައިގެން ކަމެއް ފައްޓަވައިފިނަމަ ލީޑަޝިޕުން އެ ކަމެއް ހުއްޓުވާކަން. އަދި އެކަމެއް އިސް ނަންގަވައިގެން ކުރައްވާ ބަޔަކާ މެދު ފިޔަވަޅު އަޅުއްވަމުން ގެންދަވާކަން. އެހެން ކަމުން ގިނަ އާންމު ރައްޔިތުން ދެކޭ ގޮތުގައި މިހާރު ޑީއާރުޕީ އަކީ އިދިކޮޅު ޕާޓީއެއް ނޫން. އެއްކޮޅު ޕާޓީއެއް،" މިހާތަނަށް ތަސްމީނަށް ރައްދު ދެއްވައި މައުމޫން އާއްމުކުރެއްވި އެންމެ ހަރުކަށި ވާހަކަފުޅުތަކުގައި ވިދާޅުވި އެވެ.
ތަސްމީންގެ ލީޑަޝިޕާ މެދު އާންމު މެމްބަރުން ހިތްހަމަނުޖެހޭ ތިންވަނަ ސަބަބެއް ކަމަށް މައުމޫން ވިދާޅުވެފައި ވަނީ އެ މަނިކުފާނާ މެދު ކަންތައް ކުރައްވާ "ދެރަވަރު ގޮތް" ކަމަށެވެ. ޕާޓީގެ ކުރީގެ ކައުންސިލްގެ އެންމެ ފަހު ޖަލްސާގައި އަދި ޕާޓީގެ ސިޔާސީ ޒައާމަތު ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ތަސްމީން ދެއްކެވި ވާހަކައިގައި ޒައީމް ސިޔާސީ ލީޑަޝިޕް ދޫކޮށްލެއްވި ނަމަވެސް އެ މަނިކުފާނުގެ ގިނަގުނަ ތަޖުރިބާ އާއި ދުރު ވިސްނުންފުޅުގެ އެހީއާ ނުލާ ޕާޓީގެ ކަންތައްތައް ހަރުދަނާ ކަމާއެކު ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން އެ ގޮތަށް ނުދާކަން މައުމޫނާއި އާއިލާން ފާހަގަ ކުރެ އެވެ. އެ ގޮތުން ޕާޓީގެ އެއްވެސް ކަމެއްގައި ޒައީމްގެ ހިޔާލުފުޅެއް މަޝްވަރާއެއް ތަސްމީން ނުހޯއްދަވާ ތަނުގައި ޒައީމް އިސްވެ ދެއްވާ މަޝްވަރާއެއް ބަލައި ނުގަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މައުމޫން ވިދާޅުވީ ޑީއާރުޕީގެ ލީޑަޝިޕާ ތަސްމީން ހަވާލުވެ ވަޑައިގެންނެވި ފަހުން، ހިނގަމުންދާ 11 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ޕާޓީގެ ގިނަ ކަންތައްތައް ހިންގާފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އަސާސީ ގަވާއިދުގައި ޕާޓީގެ ގުނަވަންތަކަށް އެކިއެކި އިހުތިޔާރުތަކާއި ބާރުތައް ދީފައިވާއިރު ވެސް އެ ގުނަވަންތަކުގެ މަޝްވަރާ ތަސްމީން ނުހޯއްދަވާ ކަމަށް މައުމޫނާއި އާއިލާގެ ބަޔާނުގައިވެ އެވެ.
"މިސާލެއްގެ ގޮތުން ދަންނަވާނަމަ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލްފާޟިލް އުމަރު ނަސީރު ޕާޓީން ވަކިކުރުމުގެ ކަންތައްތައް ހިންގާފައި މިވަނީ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފަށް. އަދި ޕާޓީގެ މެމްބަރުންގެ ސުލޫކީ ކަންކަން ބަލަހައްޓާ ކޮމެޓީން އެކަން އެ ގޮތަށް ނިންމާފައި އެ ވަނީ ޕާޓީގެ ލީޑަރުގެ އެކަށީގެންވާ ނުފޫޒު މެމްބަރުންގެ މައްޗަށް ހިންގަވައިގެން އެކަން ކުރެއްވުމަށް ކޮމެޓީގެ މެމްބަރުންނަށް މަޖުބޫރުކޮށްގެން. މެމްބަރުންގެ ސުލޫކީ ކަންކަން ބަލަހައްޓާ ކޮމެޓީގައި އެކަން ހިނގާ ދިޔަ ގޮތުގެ ތަފުސީލު ވަނީ ކޮމެޓީގެ އެއް މެމްބަރަކު ޕާޓީގެ ލީޑަރަށާއި ކައުންސިލްގެ މެމްބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވަރަށް ރަނގަޅަށް ބަޔާން ކޮށްދެއްވާފައި،" މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވީ ޑީއާރުޕީ އާއި ގައުމީ ޕާޓީއާއެކު ކޯލިޝަން ހަދާފައި ވަނީ ވެސް ކައުންސިލްގައި އެކަމާ ބެހޭ ގޮތުން އެކަށީގެންވާ ވަރާ ގާތަށް ވެސް މަޝްވަރާ ނުކުރައްވައި ކަމަށެވެ. އަދި ލީޑަޝިޕުން މިހާރު ފަށާފައިވާ "ކޮފީ ވިތު ޑީއާރުޕީ" ހިންގަނީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސަށް ވެސް އަދި ޒުވާނުންގެ ކައުންސިލަށް އެއްގޮތަކަށް ވެސް ނޭނގި ވަންހަނާ ކުރެވިފައިވާ ގޮތަކަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫނާއި އާއިލާގެ ބަޔާނުގައި ވަނީ ތަސްމީންގެ އާއިލާގެ ބޭފުޅުންގެ އަމަލުތަކަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން ތަސްމީންގެ އާއިލާގެ ބޭފުޅުންގެ ތެރެއިން ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުނާއި ތަސްމީނާ އެކި ގޮތްގޮތުން ގުޅިފައިވާ ކައުންސިލްގެ ބައެއް މެމްބަރުން ޒައީމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ކިތަންމެ ވާހަކަތަކެއް ދެއްކެވިޔަސް އެކަން ހުއްޓުވަން ތަސްމީން އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށް މައުމޫނާއި އާއިލާއިން ވިދާޅުވެ އެވެ.
"ދާދި ފަހުން ހަބަރު ފަތުރާ ވަސީލަތްތަކުން ބްރޯޑްކާސްޓް ކުރި އޯޑިއޯ ކްލިޕްގައި ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު ދައްކަވާފައިވާ ޒައީމަށް ޖިސްމާނީ ގޮތުން އަނިޔާ ކުރައްވާނެ ކަމުގެ އިންޒާރުގެ ވާހަކަތައް ވެސް ޕާޓީގެ ލީޑަރު ކުށްވެރި ނުކުރައްވާ ކަމީ މިކަމުގެ ވަރަށް ބޮޑު ހެއްކެއް،" ބަޔާނުގައިވެ އެވެ.
މައުމޫން ވިދާޅުވީ ޕާޓީގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ވަރަށް ގިނަ އާންމު މެމްބަރުން އަބަދުވެސް އެ މަނިކުފާނާ ބައްދަލު ކުރައްވައި ހިޔާލުތައް ދެއްވާ ކަމަށާއި ލީޑަރަށް އަރުވާފައި ވާނީ އެ ހިޔާލުތައް ކަމަށެވެ. އަދި ވިދާޅުވީ ޑިމޮކްރެޓިކް އުސޫލުން ކަންކަން ކުރިއަށް ގެންދަވާ ނަމަ ހުރިހާ ދިމާލަކުން އަންނަ ހިޔާލުތައް ވެސް ލީޑަރު އައްސަވަން ޖެހޭނެ ކަމަށެވެ.
"ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް ތަފާތު ހިޔާލުތަކާއި ޝުއޫރުތައް އަޑު ނޭއްސެވޭނަމަ ޕާޓީގެ މަސްލަހަތު ގެއްލިގެންދާނެ،" މައުމޫނާއި އާއިލާގެ ބަޔާނުގައިވެ އެވެ.
ވީޓީވީގައި ރޭ ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވެފައި ވަނީ ޑީއާރުޕީގެ ލީޑަޝިޕުން ނިންމާ ބައެއް ކަންތައްތައް ގަބޫލު ނުކޮށް، ފާޑު ކިޔާ މީހުންގެ ތެރޭގައި މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ތަސްމީން ވިދާޅުވެފައި ވަނީ ޒައީމްގެ ލަގަބު މައުމޫނަށް އެރުވީ 30 އަހަރު ވެރިކަން ކުރެއްވި ބޭފުޅަކަށް ވާތީ އެކަމުގެ ގަދަރެއްގެ ގޮތުގައި ކަމަށެވެ.
އެކަމަކު މިއަދު މައުމޫން ފެންނަނީ ޑީއާރުޕީގެ ބައިބައިވުންތަކުގެ ތެރޭގައި ހުންނެވި ތަން ކަމަށާއި އެއީ ޕާޓީ ހަރުދަނާ ވާނެ ގޮތެއް ނޫން ކަމަށް ތަސްމީން ވިދާޅުވި އެވެ. އަދި ތަސްމީން ވިދާޅުވެފައި ވަނީ މައުމޫނަކީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވިޔަސް، އެ މަނިކުފާނުގެ ލަފާފުޅުތަކަށް ތާއީދު ކުރެއްވޭނީ ޕާޓީގެ ކައުންސިލަށް ގަބޫލު ކުރެވޭނަމަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ