ޔޮޓް ޓުއާސްއާ ދެކޮޅަށް ހައި ކޯޓުން ވެސް މައްސަލަ ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއިން ހިންގަމުން އައި ވެސްޓްޕާކު މައްސަލައިގައި ހައި ކޯޓުން ވެސް ޔޮޓް ޓުއާސްއާ ދެކޮޅަށް މައްސަލަ ނިންމައިފިއެވެ.
ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސްއިން ވެސްޓްޕާކް ހިންގަމުން ދަނިކޮށް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭ ސިޓީ ކައުންސިލުން ވަނީ އެތަން ހިންގަން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އަދި މެރީ ބްރައުންގެ އެއް ހިއްސާދާރު އާމިރު މަންސޫރަށް 10 އަހަރު ދުވަހަށް ކުއްޔަށް ދީފައެވެ.
އެބިމުގެ މުއްދަތު އިތުރުކޮށްދޭން ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޔޮޓް ޓުއާސްއިން ސިވިލް ކޯޓަށް ހުށަހެޅުމުން ނިންމާފައިވަނީ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށެވެ.
2015 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ވެސްޓް ޕާކު ހިންގި ބިން ކުއްޔަށް ދިނުމަށް ޔޮޓް ޓުއާސްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސިޓީ ކައުންސިލުން އަމަލުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަން ސާބިތުނުވާ ކަމަށެވެ.
ބަދަލު ހޯދުމަށް އެދި ސިޓީ ކައުންސިލްގެ މައްޗަށް ޔޮޓް ޓުއާސްއިން ކޮށްފައިވާ ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމްގައި އިތުރަށް ބުނެފައިވަނީ 30 ޖޫން 2005ގައި ވެސްޓް ޕާކު ކުއްޔަށް ދިނުމަށް ޔޮޓް ޓުއާސްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް މުއްދަތު ހަމަވުމުގެ ހަމަސް ދުވަސް ކުރިން، ޔޮޓް ޓުއާސްއިން ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފައިވާކަން ސާބިތު ނުވާ ކަމަށެވެ.
ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވެސް ބުނަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ބޭނުންނަމަ، އެއްބަސްވުމުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން އެކަމުގެ މަޝްވަރާ ފަށަން ޖެހުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށެވެ.
ވެސްޓްޕާކު ހިންގި ބިން އާމިރާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލުން ސޮއިކޮށް އެބިން އާމިރާ ހަވާލުކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެތަން ތަރައްގީކުރުމުގެ މަސައްކަތް ފަށާ ގޮތަށެވެ. އާމިރާ މިބިން ސަރުކާރު ހަވާލުކުރީ މުޅި ބިމުގެ 20 ޕަސަންޓް ފިޔަވާ އެހެން ހުރިހާ ސަރަހައްދެއް ގިނަ ވަސީލަތްތަކެއް ހިމެނޭގޮތަށް ހިތްފަސޭހަ ޕާކެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ