މާކްސް ދިނުމުގެ ކްރައިޓީރިއާ ބަދަލުކޮށް ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ސުޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި މާކްސް ދޭ ގޮތުގެ ކްރައިޓީރިއާ އަށް ބަދަލު ގެނެސް، ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އަލުން ހުޅުވާލައިފި އެވެ.
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަން ޖުލައި މަހުގެ ހަ ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ ފެމިލީ ކޯޓަށް ތިން ފަނޑިޔާރުންނާއި އަނެއް ދެ ކޯޓަށް ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ބޭނުންވާ ކަމަށެވެ.
ޖޭއެސްސީން ބުނީ ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީ މާކްސް ދިނުމުގެ ކްރައިޓީރިއާ އަށް ގެނައި އިސްލާހަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ އިސްލާހަކީ ކޮބައިކަމެއް ބުނެފައެއް ނުވެ އެވެ.
ކުރީގެ އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. ފުރަތަމަ ހުޅުވާލި ފުރުސަތުގައި ހަތް ފަނޑިޔާރުންގެ މަގާމަށް 47 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ. އެއީ ފިރިހެން 31 ބޭފުޅުންނާއި އަންހެން 16 ބޭފުޅުން ކަމަށާއި މި ބޭފުޅުންނާ އިންޓަވިއުކުރުމަށް ފަހު ފަނޑިޔާރުކަމަށް ހޮވޭ ބޭފުޅުންނާ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަގާމު ހަވާލުކުރާނެ ކަމަށް ޖޭއެސްސީން ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ