5 އަހަރުގެ ދައުރެއް ބޭނުންފުޅުނަމަ ދީނަށް ފުރައްސާރަކުރާ މީހުން ހުއްޓުވާ: އުމަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވެރިކަމުގައި ހުންނަވައިގެން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވަން ބޭނުންފުޅުނަމަ ދީނަށް ފުރައްސާރަކުރަމުން ދާ މީހުން ހުއްޓުވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ. އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ތިބި ލާދީނީ މީހުންނަށް އާ ހިތްވަރެއް ލިބިފައިވާ ކަމަށާ އަދި ސަރުކާރުގެ އެތެރެ ކޮއިލުގައި ތިބި މީހުންވެސް ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްއަށް ހަޖޫ ޖަހަމުން ގެންދާކަމަށެވެ. އިސްލާމް ދީނުގެ ހުރުމަތް ކެނޑި އެއްވެސް ވެރިއެއްގެ ވެރިކަން ދެމިގެން ގޮސްފައިނުވާ ކަން ދިވެހި ތާރީޚު ހެކި ދޭކަމަށް އުމަރުގެ އެ ޕޯސްޓުގައި ފާހަގަކޮށްފައިވޭ. އެގޮތުން އެ ޕޯސްޓުގައި ވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގެ ވާހަކަ އާ އަދި ދެވަނަ ޖުމްހޫރިއްޔާގެ ތިން ވަނަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ އެފަދަ ގޮތަކަށް ކަން ފާހަގަކޮށްފައެވެ. އަދި ވިދާޅުވެފައިވަނީ އެވެރިކަމުގެ ދުވަސްވަރަށް ބެލިނަމަވެސް އެއީ ހަގީގަތެއްކަން ފާހަގަ ވާނެ ކަމަށެވެ. އެހެންކަމުން ރައީސް ޞޯލިހުވެސް ވެރިކަމުގެ 5 އަހަރުގެ ދައުރު ފުރިހަމަ ކުރައްވަން އެދިވަޑައިގަންނަވާނަމަ ދީނަށް ފުރައްސާރަ ކުރަމުން ގެންދާ އެމަނިކުފާނުގެ ރަޙުމަތްތެރިން ހުއްޓުވާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އުމަރުގެ އެ ޕޯސްޓުގައި ރައީސް ޞޯލިހުގެ ރަހުމަތްތެރިންގެ ވަހަކަ ވިދާޅުވެފައިވާއިރު ފާހަގަކޮށްލެވޭ ކަމަކީ، އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އަދި ޅިޔަނު މުހައްމަދު ނަޝީދު ވަނީ ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް އަދި ދީނުގައިވާ މުންކަރާތްތައް ހުއްދަ ކުރާ އުޞޫލަކުން އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ