މޮޅު ކުޅުންތެރިންގެ އަގު ވަޒަންކުރަން ކުރަން ޖެހޭ - އަލީ އުމަރު

އިމްރާން ފަދައިން މޮޅަށް ކުޅެފައިވާ ކުޅުންތެރިންގެ އަގު ވަޒަންކުރުމަކީ މުހިންމު ކަމެއްކަމަށާއި، އިމްރާންގެ ޓެސްޓިމޯނިއަލް މެޗަކީ މީގެ ފެށުމެއްކަމަށް އުންމީދު ކުރައްވާކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އަލީ އުމަރު ވިދާޅުވެއްޖެއެވެ.
އަލީ އުމަރު ވަނީ އިމްރާނާއެކު ގައުމީ ޓީމަށް ކުޅުއްވާފައެވެ. އަދި އިމްރާންގެ ޓެސްޓިމޯނިއަލް މެޗްގައި ބައިވެރިވެލައްވާ އިމްރާންގެ ޓީމަށް ގޯލެއްވެސް ކާމިޔާބުކޮށްފައެވެ. އަލީ އުމަރު ވިދާޅުވީ އިމްރާނަކީ މުޅި ފުޓުބޯޅަ ކެރިއަރުގަވެސް އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ ކަމަށާއި، އޭނާއަކީ ކުރިއަތް އޮތް ޖީލްތަކަށްވެސް އެންމެ ނަމޫނާ ކުޅުންތެރިޔާ ކަމަށެވެ. އަދި އިމްރާންއަށް ދެވުނު ޝަރަފަކީ އޭނާއަށް ހައްގު ޝަރަފެއް ކަން ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.
"ހުރިހާ ގޮތަކުންވެސް، ލީޑަރޝިޕާއި މަސައްކަތާ ފުޓުބޯޅައަށް އެ ހުންނަ ޝައުގާ ހުރިހާ އެއްޗަކަށް ބެލިޔަސް މިއަދު އަންނަ ހަމަ އާ ޖީލްތަކަށް ރޯލް މޮޑެލްއަކަށް އެއް ކުޅުންތެރިޔަކު ނަގާނަމަ އިމްރާން ނަގާށޭ އަޅުގަނޑު ދަންނަވާނީ" ކުރީގެ ގައުމީ ޓީމަށްވެސް ކުޅުއްވި އަލީ އުމަރު ވިދާޅުވިއެވެ.
އިމްރާން ގައުމީ ޓީމަށްކޮށްދިން ހިދުމަތް މިހާ ކުލަގަދަކޮށް ފާހަގަކުރުމުން އެކަމާ ހިތްހަމަޖެހުން ފާޅު ކުރައްވާ އަލީ އުމަރު ވިދާޅުވީ ކުރިއަށް އޮތްތާނގައި ގައުމީ ޓީމަށް މިފަދަ ބޮޑެތި ހިދުމަތްތައް ކޮށްދޭ ކުޅުންތެރިންގެ އަގު ވަޒަންކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ، އަލީ އުމަރު ވިދާޅުވީ އެއީ އެ ކުޅުންތެރިންނަށް ޝަރަފުވެރިކަމާއެކު ކެރިއަރު ނިންމާލުމުގެ އިތުރުން، ސަޕޯޓަރުންނަށް އެ ކުޅުންތެރިންނާއެކު އެކަމުގައި ބައިވެރިވުމަށް ހޯދައިދެވޭ ރަނގަޅު ފުރުސަތެއްކަމަށް ގަބޫލު ކުރައްވާކަމަށެވެ.
" މި ފަހަރު މިހާ ކުލަގަދަކޮށް މިކަން ފާހަގަކުރީމަ އަޅުގަނޑު އުންމީދުކުރަނީ މިއީ ފެށުމެއްކަމަށް، މުސްތަގުބަލުގައި ޤައުމަށް މިހާ ޚިދުމަތްކޮށްފަ ތިބު ކުޅުންތެރިންނަށް މިވަރުގެ ބޮޑު ޝަރަފަކާ އެކީގަ ނިންމާލާ އަދި ސަޕޯޓަރުންނަށް އެޕްރިޝިއޭޓް ކުރުމަށް މި ކަހަލަ ފުރުސަތެއް ދިނުން. އެއީ ވަރަށް ރަނގަޅު ކަމެއް. " ކޮމިޝަނަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ