ކަރަންޓް ޚަރަދުކުޑަ ތަކެތި ދިވެހި ބަހުން ލޭބަލްކުރަނީ

ކަރަންޓް ޚަރަދުކުޑަ ތަކެތި އެނގޭނެހެން ދިވެހި ބަހުން ލޭބަލް ކުރުމުގެ މަސައްކަތް އެންވަޔަރްމެންޓް މިނިސްޓްރީން ފައްޓަވައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ، އެފަދަ ލޭބަލެއް ހަރުކުރަން ނިންމެވީ ކަރަންޓު ސާމާނު ބޭނުންކުރުމުގައި ވިހާވެސް މަދުން ހަކަތަ ބޭނުންކުރާ ތަކެތި ފާހަގަކުރުމުގެ ގޮތުން ކަމަށް. އަދި އެ މަޢުލޫމާތު ފަސޭހައިން އެނގޭނެ ގޮތް ހެދުމަކީ މުހިންމު ކަމަކަށް ވާތީ ކަމަށެވެ. އެ މަސައްކަތަކީ، އދ.ގެ ތިމާވެއްޓާއިބެހޭ ޖަމިއްޔާއާއި، އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ފަށާފައިވާ "ސްޓްރެންތެނިންގ ލޯ ކަރބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީ" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން ދިވެހިން ލޭބަލްކުރުމަށް ހަމަޖެހިފައިވަނީ އާއްމުކޮށް ގޭގޭގައި ބޭނުންކުރާ ކަރަންޓު ސާމާނުގެ ތެރޭގައި ހިމެނޭ ދޮންނަ މެޝިނާއި، އެއަރކޯން އަދި އައިސް އަލަމާރީގައެވެ. އެކަމަކީ އިޤްތިސާދީ ގޮތުންނާއި، ވިޔަފާރީގެ ގޮތުން ބޮޑެތި ބަދަލުތައް އަންނާނެކަމަކަށްވާތީ، އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ވިޔަފާރިވެރިންނާއި ބައްދަލުކޮށް، ކަމާ ގުޅޭ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މަޝްވަރާތައް ނިމުމުން، ކަމާގުޅޭ އިދާރާތަކާއެކު ހަދަންޖެހޭ އެއްބަސްވުންތައް ހަދައި، އުފެއްދުންތައް ލޭބަލް ކުރުމުގެ މަސައްކަތް ފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، އެ މަސައްކަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި އާއްމުންގެ ޙިޔާލު ހޯދުމަށް ދިރާސާ ފަށާފައިވާކަމަށެވެ.އެ ދިރާސާގައި ލޭބަލްގެ ޑިޒައިނާއި ލޭބަލްގައި ހިމަނަން ބޭނުންވާ މަޢުލޫމާތާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދާނެކަމަށާއި، އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ