މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލް އަޅަނީ

މާލެ ސަރަހައްދުގައި އިތުރު 10 ސުކޫލް އިމާރަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް، ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ރޭ މުހިޔުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ މާލޭ ސަރަޙައްދުގައި އިތުރު ސްކޫލްތައް އަޅަން ނިންމާފައިވަނީ ސްކޫލްތަކުގައި ކްލާސްރޫމްތައް އިތުރުކޮށް، އިތުރު ވަސީލަތްތައް ޤާއިމުކުރާނެ ޖާގަ ނެތުމުންކަމަށެވެ.
މާލެގައި ދެދަންފަޅިއަށް ހިންގާ 13 ސުކޫލް ހުރުމާއިއެކު ސުކޫލްތަކުގައި ހުސްޖާގަ ނެތުމަކީ މާލެ ސަރަހައްދުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް އެއޮޑިޓްގައި ފާހަގަ ކޮށްފައިވެއެވެ.
ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް، ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ދައްކާގޮތުން، އެއް ދަންފަޅިއަށް ބަދަލުނުކޮށް ހުރި ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ޖުމްލަ 288 ކްލާސްރޫމް އިތުރަށް ބޭނުންވެއެވެ. އޮޑިޓް ރިޕޯޓް ބުނާގޮތުން 10 ސްކޫލާއި، 47 ސައިންސް ލެބާއި، 28 ލައިބްރަރީއާއި، 42 އޯޑިއޯ ވިޝުއަލް ރޫމާއި، 22 ސްޓާފް ރޫމްގެ އިތުރުން، 57 ބަދިގެ ބޭނުންވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އޮޑިޓް ރިޕޯޓް ބުނާގޮތުން މާލެ، ވިލިމާލެ، ހުޅުމާލެ ހިމެނޭހެން މި ސަރަޙައްދުގައި އެއްދަންފަޅިއަށް ކިޔަވައިދެވެން އަންނަނީ އިތުރު ސްކޫލްތައް ޤާއިމުކޮށްގެންނެނެވެ. މިނިސްޓްރީއިން ބުނެފައިވަނީ އެއްދަންފަޅިއަށް ކިޔަވައިދެވޭނީ 800އާއި 1000ދެމެދުގެ ދަރިވަރުން އުޅެމުންދާ ސްކޫލްތަކުގައި ކަމަށެވެ. ނަމަވެސް މާލޭގެ 13ސްކޫލެއްގައި މި އަދަދު 1500 ނުވަތަ 2000އާއި ގާތްކުރާކަމަށް އެޑިއުކޭޝަން މިނިސްޓްރިއިން ބުނެއެވެ.
ރައްޖޭގައި ދެދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތައް އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ސަރުކާރުން ހިންގާ 213 ސުކޫލުގެ ތެރެއިން 151 ސުކޫލުގައި މިހާރުވެސް ކިޔަވައިދެމުން އަންނަނީ އެއްދަންފަޅިއަށް ކަމަށްވާއިރު 62 ސުކޫލެއް އެއްދަންފަޅިއަށް ވުރެ ގިނަ ދަންފަޅިއަށް ކިޔަވައިދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ