12 ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމި ނިންމުން ބާޠިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލްކޮށްފިއެވެ.
އިލެކްޝަަންސް ކޮމިޝަނުން ބުނީ އެގޮތަށް ނިންމާފައި ވަނީ ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށާއި ކަމާއި ބެހޭ ފަރާތްތަކަށް އެންގުމަށް ކޮމިޝަނުން ނިންމާފައި ވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި 12 ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމެވީ އެކޮމިޝަނުންނެވެ. މިހާތަނަށް އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިގައިފައި ވާކަމަަކަށް ސްޕްރީމްކޯޓުން ކަނޑައަޅާފައި ނުވި ނަމަވެސް ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެން އެ 12 މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަނަ ނުދީ ހިފަހައްޓަމުން ދާތާ ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައެވެ.
އެމެމްބަރުން ވިދާޅުވެފައި ވަނީ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ސިފައިން ހިފަހައްޓަމުން ގެންދިޔައީ އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް ކޮމިޝަނުން އަންގާފައިވާތީ، އެމެމްބަރުން މަޖިލީހަށް ވަނަ ނުދިނުމަށް މަޖިލީހުގެ ރިޔާސަތުން ސިފައިންނަށް އަންގަވާފައިވާތީ ކަމުގައެވެ. އެހެންކަމުން މިއަދު އިލެކްޝަންސް ކޮމިޝަނުން ނިންމި މިނިންމުމާއި ގުޅިގެން ދެން އެ 12 މެމްބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަހެއް ނޯންނާނެ ކަމުގައިވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި މެމްބަރުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، ދެން އެންމެ އަވަހަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްްސާއަކަށް އެ ހުރިހާ މެމްބަރުން ހާޟިރުވެ ވަޑައިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ