ސިވިލް ކޯޓުން ބަލަމުން އައި ބައެއް ބާވަތުގެ މައްސަލަތައް ފެމިލީ ކޯޓުން ބަލާ ގޮތަށް ހަމަޖައްސައިފި

މިހާތަނަށް ސިވިލް ކޯޓުން ބަލަމުން އައި ބައެއް ބާވަތުގެ މައްސަލަތައް ފެމިލީކޯޓުގައި ބަލާ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސަވައިފިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި އިއްޔެ ނެރުނު ސާކިއުލާއެއްގައި ވާ ގޮތުން ސިވިލް ކޯޓުން ބަލަމުން އައި މައްސަލަ ތަކުގެ ތެރެއިން ފެމިލީކޯޓުން ބެލުމަށް ހަމަޖައްސާފައިވަނީ ހިބައާއި ވަސިއްޔަތާއި ތަރިކައިގެ މައްސަލަތަކާއި ވާރިސުން ގިންތިކުރުމުގެ މައްސަލަތަކާއި މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމުގެ މައްސަލަތަކެވެ. އެސާކިއުލާއިން ވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތިން އެއްވެސް ތަފާތުކުރުމެއް ނެތި، ފަސޭހަކަމާއެކު ރައްޔިތުންނަށް އިންސާފާ ހަމައަށް ވާސިލުވުން ކަށަވަރުކޮށްދޭ ނިޒާމެއް ސިވިލްކޯޓުގައި ގާއިމްކޮށްފައެވެ.
އެގޮތުން ސިވިލް ކޯޓުގެ ހިންގުން ހަރުދަނާކުރުމަށް ކޯޓުތަކުގެ ގާނޫނުގެ 57 ވަނަ މާއްދާގައިވާ އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެމަތިން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓު ފަސް ޑިވިޝަނަކަށް ބަހާލާފައެވެ. އެޑިވިޝަންތަކަކީ ޑިސްޕިއުޓު ރިޒޮލިއުޝަނާ ބެހޭ ޑިވިޝަނާއި މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަނާއި އިދާރީ މައްސަލަތައް ބަލާ ޑިވިޝަނާއި މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޝަނާއި އަދި ހުކުމް ތަންފީޒުކުރުމާ ބެހޭ ޑިވިޝަނެވެ.
ސުޕްރީމް ކޯޓުގެ ސާކިއުލާގައި ވަނީ އަންނަ ފެބްރިއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ސާކިއުލާގައިވާ ގޮތަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ