ބައެއް ގައުމުތަކުގެ މީހުން އެެމެރިކާއަށް ވަނުން މަނާކުރާ އާ ގަރާރު ހުއްޓުވަން ކޯޓުން ދެކޮޅު
ވޮޝިންޓަން (މާޗް 12): މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ހަ ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރާ އާ ގަރާރު ހުއްޓުވަން އެމެރިކާގެ ކޯޓަކުން ދެކޮޅު ހަދައިފި އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އެފަދަ ފުރަތަމަ އަމުރު ހުއްޓުވި ޑިސްޓްރިކްޓް ޖަޖް ޖޭމްސް ރޮބާޓް ވިދާޅުވި ގޮތުގައި އާ އަމުރު ހުއްޓުވުމަށްޓަކައި ވަކީލުން އިތުރު ލިޔެކިޔުންތައް ހުށަހަޅަން ޖެހެ އެވެ. ނަމަވެސް ވަކީލުން ވިދާޅުވި ގޮތުގައި މިފަހަރުގެ އަމުރަކީ ވެސް ކުރީގެ އަމުރާ އެއްގޮތް އަމުރެއް ކަމުން، މިފަހަރުގެ އަމުރު ހުއްޓުވަންވެސް ކޯޓުން އަމުރު ކުރެވޭނެ އެވެ. މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަމަލު ކުރާނެ އާ އަމުރުގެ ދަށުން ސީރިއާ، ލީބިއާ، ޔަމަނު، އީރާން، ސޫދާން އަދި ސޯމާލިއާގެ ރައްޔިތުންނަށް ތިން މަސް ވަންދެން އެމެެރިކާއަށް ނުވަދެވޭނެ އެވެ. މިދިޔަ ޖެނުއަރީ މަހު އެމެރިކާއަށް ދިޔުން މަނާ ކުރި ގައުމުތަކުގެ ތެރޭގައި އިރާގު ހިމެނުނު ނަމަވެސް އާ އަމުރުގައި އެގައުމު ނުހިމެނެ އެވެ. ޓްރަމްޕްގެ އާއަމުރާ ދެކޮޅަށް ވޮޝިންޓަން، އޮރެގަން، މިނިސޯޓާ، ނިއު ޔޯކް، މެސެޗޫސެޓްސް އަދި ހަވާއީން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. (ބީބީސީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ