ކޮންގްރެސްގައި ގެނައި ބަދަލުތައް ލަހުން ފޮނުވުމުން ޑީއާރުޕީގައި މިހާރު ލީޑަރެއް ނުހުންނާނެ: އުމަރު

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އިދިކޮޅު ޑީއާރުޕީގެ ކޮންގްރެސްގައި މަގާމުތައް ގެނައި ބަދަލުތައް ދޮޅު އަހަރު ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވަނީ ސިޔާސީ ޕާޓީގެ ގަވާއިދުގައި ބުނެފައިވާ ގޮތާ ހިލާފަށް ކަމަށްވާތީ މިހާރު އެ ޕާޓީގެ ލީޑަރަކު ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީގެ ގަވާއިދުގެ 17 ވަނަ މާއްދާގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ ނަމަށް، ނުވަތަ އެޑްރެހަށް ނުވަތަ އަސާސީ ގަވާއިދަށް ނުވަތަ މެނިފެސްޓޯ އަށް ނުވަތަ ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށް ނުވަތަ އެ ފަރާތުގެ އެޑްރެހަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ 15 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް އަންގަންވާނެ ކަމަށެވެ.
"މިފަދަ މައްސަލައެއްގައި ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ޕްރެސިޑެންސް ގާއިމްކޮށްފައި. އެއީ އަޅުގަނޑު އައިޑީޕީ ހިންގި ދުވަސްވަރު މި ގޮތަށް މަގާމަކަށް ގެނައި ބަދަލެއް އިލެކްޝަންސް ކޮމިޝަނަށް ނުފޮނުވައިގެން އެ ނަން ބަލައެއް ނުގަތް. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ އެ އޮތީ މިފަދަ މައްސަލަތަކުގައި ކޮމިޝަނަށް ގޮތެއް ކަނޑައެޅިފައި ކަމަށް. ޑީއާރުޕީން އެ ގެނައި ބަދަލުތައް ދޮޅު އަހަރު ފަހުން ބަލައިގަތުމަކީ ވެސް މައްސަލައެއް،" އައިޑީޕީގެ ރައީސްކަން ކުރިން ކުރެއްވި އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީގެ އިސް މަގާމުތަކަށް ކޮންގްރެސްގައި ގެނައި ބަދަލުތައް ދޮޅު އަހަރު ފަހުން އިލެކްޝަންސް ކޮމިޝަނަށް ލީޑަރު އަހުމަދު ތަސްމީން އަލީ ފޮނުއްވުމުން ތަސްމީން ފޭލްވެފައިވާކަން ސާބިތުވާ ކަމަށެވެ. އަދި 2010 ގައި ކޮންގްރެސް އިން ނިންމި ނިންމުން ބާތިލުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ޑީއާރުޕީގައި ލީޑަރެއް ވެސް ޑެޕިއުޓީ ލީޑަރެއް ވެސް ނުހުންނާނެ. ގާނޫނީ ހުސްކަމެއްގެ ތެރެއަށް ޑީއާރުޕީ މި ވެއްޓުނީ،" ޑީއާރުޕީގެ ޒައީމް ފެކްޝަނުގައި އިސްކޮށް އުޅުއްވާ އުމަރު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޑީއާރުޕީގެ މަގާމުތަކަށް ގެނައި ބަދަލުތައް އިލެކްޝަންސް ކޮމިޝަނަށް ބުރާސްފަތި ދުވަހު ހުށަހެޅި ނަމަވެސް އަދި އެކަމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ