ލަތީފް ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ

ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޏ. ފުވައްމުލަކު ޑެއިލީ ބުލޫ އަބުދުއްލަތީފްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވިޔަސް، މީގެ ކުރިން އޭނާ ބަންދުން ދޫކޮށްލުމަށް ކުރި އަމުރުގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބަލަން ނިންމައިފި އެވެ.
ލަތީފްގެ ޝަރީއަތް ކުރިއަށް ދަނިކޮށް އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ފޮނުވި ސިޓީއެއް ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށް، އަލުން ދެ ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ވަނީ ލަތީފް ބަންދުން ދޫކޮށްލައިފަ އެވެ. އެ އަމުރު ހައި ކޯޓްގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓްގައި އިސްތިއުނާފްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ބުނީ ލަތީފްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައި ވިޔަސް، ލަތީފް ބަންދުން ދޫކޮށްލަން ކުރި އަމުރުގެ މައްސަލަ ކުރިއަށް ގެންދަން ނިންމީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ކަމަށެވެ. އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް މިއަދު 30: 3 ގައި ޝަރީއަތުގެ މަޖިލީހެއް ބާއްވަން ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަބްދުއްލަތީފާއި މާލޭ މުނިސިޕަލްޓީ ދަފްތަރު 3303 ހަސަން އަލީގެ މައްޗަށް ކުރި، މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓިކަމުގެ ދައުވާގެ ހުކުމް އިއްވަވަމުން ގާޒީ އަބްދުލްބާރީ ޔޫސުފު އިއްޔެ ވިދާޅުވީ އަބްދުލް ލަތީފް ދަތުރުކުރި ކާރުގެ ޑިކީ ތެރޭގައި ހުރި ފޮށިގަނޑަކުން ފެނުނު މަސްތުވާތަކެތި އެ ދެ މީހުންގެ ބެލުމުގެ ދަށަށް ދިޔައީ ކިހިނެއްކަން ހެކިވެރިންގެ ހެކި ބަހުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. ނަމަވެސް އެ ފޮށިގަނޑުތަކާ އެ ދެ މީހުން ހަވާލުވީ އޭގައި މަސްތުވާތަކެތި ހުރިކަން އެ މީހުންނަށް އެނގި ތިބެކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ