ފަނޑިޔާރުން ހުކުމްކުރަނީ ހިތު ހުރި ގޮތަކަށް، ހަމައަކަށް އެޅުވޭނީ ރައްޔިތުން ނުކުމެގެން: އިބްރާ

ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުން މިހާރު ހުކުމް ކުރައްވަމުން ގެންދަވަނީ ހިތު ހުރި ގޮތަކަށް ކަމަށާއި އެ ބޭފުޅުން ހަމައަކަށް އެޅުވޭނީ ރައްޔިތުން ނުކުމެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ތުލުސްދޫގެ ޒުވާނުންތަކެއް އެމްޑީޕީ އަށް ސޮއި ކުރުމަށް އެ ރަށުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ ރާއްޖެ އަށް ގެންނަން ހުރި އިސްލާހުތައް އަދިވެސް ވަރަށް ގިނަ ކަމަށާއި އަދުލް އިންސާފުގެ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ފަނޑިޔާރުން ހުކުމް ކުރައްވަމުން އެ ގެންދަވަނީ ހިތު ހުރި ގޮތަކަށް ކަމަށާއި އެ ބޭފުޅުން ހަމައަކަށް އެޅުވޭނީ ރައްޔިތުން އެކަމަށް ނުކުމެގެން ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
"ތިން ވަނަ ބާރު. ފަނޑިޔާރުން. ހިތު ހުރި ގޮތަކަށް ހުކުމް ކުރަމުން އެ ދަނީ. މިކަމާ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ކުޑައެއް ނޫން އެއްގޮތަކަށް ވެސް،" އިބްރާ ވިދާޅުވި އެވެ. "މައުމޫން ވެރިކަމުން ބޭލުވީ ވެސް ރައްޔިތުން ނުކުމެގެން. މި ފަނޑިޔާރުންގެ ކަންތައް ހަމައަކަށް އެޅުވޭނީ ވެސް ރައްޔިތުން ނުކުމެގެން."
އިބްރާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ބައްލަވަނީ ކޮންމެވެސް ފަނޑިޔާރެއްގެ "އަތް އަނބުރާލައިގެން" އެ ބޭފުޅުންގެ މައްސަލަތައް ހިންދާލަން ކަމަށެވެ. އަދި ވިދާޅުވީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްސަލަ އެންމެފަހުން ކުރިއަށް ގެންގޮސްފައި ވަނީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.
"]ނާޒިމް[ ނޫނިއްޔަކާ މި ދިވެހިރާއްޖޭގެ އުޑު ދަށުގައި ނޫޅޭ ޝަރީއަތަށް ހާޒިރު ނުކުރެވޭ މީހެއް. ޗިޓު ފޮނުވައިފީމޯ، އަންގައިފީމޯ ނާދެޔޯ. ދެން އެކަމަކު ހާޒިރު ކުރެވޭނެ ގޮތެއް ނެތް. ދެން އުޅެމުން އުޅެމުން ހާޒިރު ކުރެވުނު ދުވަހު އެހެން އެއްވެސް މީހަކަށް ދައްކާ ވާހަކައެއް އަޑު ނުއިވޭ ގޮތަށް ޝަރީއަތް ކުރެވުނީ. ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފް ކަމެއް،" އިބްރާ ވިދާޅުވި އެވެ. "ފަނޑިޔާރުން ގަންނާ ކުރައްވާ ބިރުންނޭ މި ތިބެނީ އެއްކަލަ ބައިގަނޑު އަތުގައި މަޖިލީހުގެ އަގުލަބިއްޔަތު އޮތީމަ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ