އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގްރޫޕްގައި ހިމެނޭ އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ)ގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ވަޒީރުންގެ މަޖިލީހުން ދީފައިވާ ލަފަޔާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ލަފަޔަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނިންމަވާފައިވާ ކަމަށެވެ.
ރައީސް މިފަދައިން ނިންމަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އައިޓީއެފްސީގެ މެމްބަރު ގައުމަކަށް ރާއްޖެވުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީލިބުމާއި، އޯއައިސީގެ މެމްބަރު ގައުމުތަކުގެ މެދުގައި އިންޓްރާ-ޓްރޭޑްގެ ފުރުސަތުތައް ތަނަވަސްވުމާއި، ޢާންމު އަދި އަމިއްލަ ވިޔަފާރިތަކަށް ޓްރޭޑް ޕޮލިސީތަކާ ބެހޭގޮތުންނާއި އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން ލަފާ ލިބުން ހިމެނެއެވެ.
އަދި، މެމްބަރު ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި ލެޓަރ އޮފް ކްރެޑިޓް ފޯރުކޮށްދިނުމާއި އާންމު ރޭޓްތަކަށްވުރެ އަގުހެޔޮކޮށް މުދާ އިންޕޯޓްކުރަން މަގުފަހިވުމާއި، އާންމު އަދި އަމިއްލަ ވިޔަފާރިތަކަށް އާންމު އަގުތަކަށްވުރެ ހެޔޮ އަގުގައި ފައިނޭންސް ލިބުން ހިމެނޭކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އައިޓީއެފްސީ އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެމްބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން އެ ގައުމުތަކުގެ ރައްޔިތުންގެ އިގްތިސާދީ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.
އައިޓީއެފްސީގެ މެމްބަރު ގައުމަކަށް ރާއްޖެ މިހާތަނަށް ވެފައި ނެތްނަމަވެސް 2005 ވަނަ އަހަރުން ފެށިގެން އައިޓީއެފްސީގެ އެހީ ރާއްޖެއަށް ލިބެމުންދެއެވެ. އެގޮތުން 2044 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި، އޭގެ ފަހުން މިއަހަރާ ހަމައަށް 10 ފަހަރެއްގެ މަތިން ޓްރޭޑް ފައިނޭންސިންގ އެހީ ރާއްޖެއަށް ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެންމެފަހުން އައިޓީއެފްސީގެ އެހީ ރާއްޖެއަށް ލިބިފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑިކަމާއި ގުޅިގެންނެވެ. އެގޮތުން، އެސްޓީއޯއަށް ކާބޯތަކެއްޗާއި ޞިއްޙީ ދާއިރާއަށް ބޭނުންވާ އެކި އާލާތްތައް ގަތުމަށް 15 މިލިއަން ޑޮލަރުގެ ޓްރޭޑް ފެސިލިޓީއަކާއި 2021 ވަނަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ލިބުނު މާލީ ގެއްލުންތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 5 މިލިއަން ޑޮލަރުގެ އެހީ އައިޓީއެފްސީން ފޯރުކޮށްދީފައިވެއެވެ.
އައިޓީއެފްސީގެ މެމްބަރު ގައުމަކަށް ރާއްޖެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ