މީހުން ޓްރެފިކްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ފާސްކޮށްފި

އިންސާނީ ވަގުފާރިކުރުމުގެ ކުށުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ޤާނޫނު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.މީހުން ޓެރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް ގެނައި މި އިޞްލާހު މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާޤުންނެވެ.މީހުންނާއި ކުޑަކުދިން ވަގުފާރުކުރުމާއި މީހުންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމުގައި ރާއްޖެއިން އަމަލުކުރާ ގޮތް، މިކަންކަން ޖަރީމާތަކެއް ކަމުގައި ޤާނޫނީ ގޮތުން ހިމަނާފައިވާ ގޮތް، އދ.ގެ ކަމާ ގުޅޭ މުއާހަދާތަކާ އެއްގޮތް ކުރުމުގެ ގޮތުން ސަރުކާރުން ހުށަހެޅި މި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރު ޖީހާން މަޙުމޫދެވެ.މަޖިލީހުން މިއަދު ފާސްކުރި އިސްލާހުތަކަށް ބަލާއިރު، އިންސާނީ ވަގުފާރުކުރުމުގެ މަފުހޫމުވަނީ ރާއްޖެއަށް ގެންނަ ބިދޭސީންނާމެދު މުއާމަލާތްކުރާ ގޮތް ކުށެއް ކަމުގައި މާނަކުރެވޭނެ ގޮތަށް ފުޅާކޮށްފައެވެ. މިހާރު ރާއްޖެއަށް ބޭރު ޤައުމަކުން މީހަކު ގެނައުމާއި، ބަދަލުކުރުމާއި، ރާއްޖެއިން އެހެން ޤައުމަކަށް މީހަކު ގެންދިއުމާއި ބަދަލުކުރުން ޓްރެފިކްކުރުމުގެ މާނައިގެ ތެރޭގައި ހިމެނޭނެއެވެ. އަދި ރާއްޖޭގެ އެތެރޭގައި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ބަދަލުކުރުންވެސް މިހާރު ވަގުފާރީގެ މާނައިގެ ތެރޭގައި ހިމެނޭނެއެވެ.ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާހު ހުށައެޅުއްވީ އެ ޤާނޫނުގައިވާ ރާއްޖެ ބައިވެރިވެފައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒް ކްރައިމް"ގެ ޕްރޮޓޮކޯލް އެއްގޮތް ކުރުމުގެ ގޮތުންނެވެ.ޖީހާން ހުށައެޅުއްވި އިސްލާހު ދިރާސާކޮށް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ މީހުން ޓްރެފިކްކުރުމުގެ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމަށެވެ. އެ ފައިސާ ދައުލަތަށް ނެގުމުގައި އަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ޤާނޫނުގައި ބަޔާންކުރާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ހާލަތެއްގައި، އެމީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބެއްގެ އިތުރުން ޓްރެފިކް ކުރެވޭ މީހާއަށް ޓްރެފިކްކުރާ މީހާގެ އަތުން ޝަރީއަތުން ބަދަލު ނަގައިދޭން ވާނެކަމަށްވެސް މަޖިލީހުން ގެނައި އިޞްލާހުގައި ބުނެފައިވެއެވެ.މީގެއިތުރުން ޓްރެފިކް ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ސަބަބުން ބަދަލު ނަގައިދެވޭނެ ބާވަތްތައްވެސް އިޞްލާހުގައި ހިމަނާފައިވެއެވެ. އެގޮތުން ބަދަލު ނެގޭނެ ބާވަތްތަކުގެ ތެރޭގައި ޓްރެފިކްކުރެވޭ މީހާއަށް ލިބެންޖެހޭ އުޖޫރައާއި ސިއްޙީ ގޮތަށް ލިބޭ ގެއްލުންތަކާއި ގާނޫނާ ޚިލާފަށް އެމްޕްލޯއިމަންޓް އޭޖެންސީ ނުވަތަ ރެކްރޫޓްމަންޓް އޭޖެންސީއަކަށް ދައްކާފައިވާ ފީ ވަނީ ހިމަނައިފައެވެ. އަދި ބަދަލު ނަގައި ދިނުމުގައި، ޓްރެފިކު ކުރެވޭ މީހާއަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް، ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، މި މާއްދާއާ ހަވާލާދީ ކޯޓުން ކަމަށް ވެސް މަޖިލީހުން ފާސްކުރި އިޞްލާހުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ