ޓަގު ބޯޓެއްގެ މައްސަލައިގައި އެމްޕީއެލްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފި
ޓަގު ބޯޓެއްގެ މައްސަލައިގައި ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް 138 މިލިއަން ރުފިޔާ ދެއްކުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް (އެމްޕީއެލް) ގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފިއެވެ.ސިވިލް ކޯޓުން ޑިސެމްބަރު، 2016 ގައި އެމްޕީއެލްގެ މައްޗަށް ހުކުމްކުރީ ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން 2008 ގައި ކުރި ޓަގު ބޯޓެއްގެ ބަނުމުގެ މަސައްކަތުގެ އަގު ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 138.9 މިލިއަން ރުފިޔާ ސެންޓަ އެންޓަ ޕްރައިސަސްއަށް ދެއްކުމަށެވެ.އެ މައްސަލަ އެމްޕީއެލްއިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެ ޓަގު ބޯޓުގެ މަސައްކަތާ ގުޅޭ އިންވޮއިސްތަކަކަށް ޖޫރިމަނާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ވެސް ހިމެނެނީ ހަމަ އެ އިންވޮއިސްތައް ކަމަށާއި އެހެންވެ، ކުރީގެ އެ ހުކުމް ދެމި އޮއްވާ އެ އިންވޮއިސްތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ އަދަދު ނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.މި މައްސަލައާއި ގުޅިގެން ދައްކަން ޖެހޭ ޖޫރިމަނާގެ އިތުރުން، ސަރޗަރޖްގެ ގޮތުގައި 21.5 މިލިއަން ދެއްކުމަށް އޭރު ކުރެވުނު އެހެން ހުކުމެއް ވެސް ހައިކޯޓުން ވަނީ 2018 ވަނަ އަހަރު ބާތިލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ