ޖޭއެސްސީގެ މެމްބަރު ކަމަށް ކުރީގެ ޑެޕިއުޓީ ޕީޖީ ޝަމީމް ވާދަކުރައްވަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރު ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރިމަތިލައްވަން ނިންމަވައިފި އެވެ. ޝަމީމް މިއަދު "ހަވީރަ"ށް ވިދާޅުވީ އެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ ލިބިފައިވާ ތަޖުރިބާގެ އަލީގައި އެ ދާއިރާއަށް މަސައްކަތްތަކެއް ކޮށްދެއްވަން ކަމަށެވެ. އަދި އޭނާއަކީ އެއްވެސް ސިޔާސީ ޕާޓީއަކުން ތާއީދު ލިބިގެން ކުރިމަތިލާ މީހެއް ނޫން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. "ހަމަ ގައިމު ވެސް އެއްވެސް ފަރާތަކަށް އަޅުގަނޑުގެ މައްޗަކަށް ނުފޫޒެއް ނުފޯރުވޭނެ،" ޝަމީމް ވިދާޅުވި އެވެ. ޝަމީމް އިތުރަށް ވިދާޅުވީ މިހާރު ޖޭއެސްސީން މައުލޫމާތު ހާމަ ކުރުމުގައި ގެންގުޅޭ އުސޫލު ބަދަލުކޮށް ހާމަކަން ބޮޑުވާންޖެހޭނެ ކަމަށެވެ. ގާނޫނީ ދާއިރާގައި 10 އަހަރެއްހާ ދުވަސް ހޭދަކުރައްވާފައިވާ ޝަމީމް ވިދާޅުވީ އޭނާ ހެއްދެވި ދިރާސާތަކަށް ބަލާއިރު ޖޭއެސްސީން 1064 ނިންމުމެއް ނިންމާފައިވާއިރު އޭގެ ތެރެއިން އާންމުކުރީ އެންމެ ނިންމުމެއް ކަމަށެވެ. ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވުމަށް ފަހު ޝަމީމް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭނާ އިސްތިއުފާ ދެއްވީ ޕީޖީ އޮފީހުގެ ޒިންމާތައް އަދާ ކުރުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އެއްވެސް މުއައްސަސާއެއްގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ އެވެ. ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިޚާބުކުރާ ވަކީލު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ. އަދި އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ނިޔަލަށް ހަމަވާނެ އެވެ. އެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީގައި މިހާރު ހުންނަވަނީ ވަކީލް އަހުމަދު ރަޝީދެވެ. އޭނާގެ ދައުރު އަންނަ އޮގަސްޓް މަހުގެ ތެރޭގައި ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ