އަދީބުގެ ބަންދު މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފެއް ނުކުރާނަން: ޝަމީމް
ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރާނެ ކަމަށް އަދީބުގެ ވަކީލުން މިއަދު ބުނެފި އެވެ. ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލައި، ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ އަދީބު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްފައިވާ އިރު ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ ދަށު ކޯޓުގެ އަމުރަށް ތާއީދުކޮށްފަ އެވެ. އަދީބުގެ ވަކީލު ހުސައިން ޝަމީމް މިއަދު ވިދާޅުވީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރާނެ ކަމަށާއި ސަބަބަކީ ކޯޓުން ދިން 15 ދުވަސް ހަމަވާން އެންމެ ދެތިން ދުވަސް ބާކީ އޮތުމުން ކަމަށެވެ. އަދީބުގެ ބަންދު އަމުރުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެވެ. އަދީބުގެ އިތުރުން ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އަދީބުގެ ގާތް ބޭފުޅެއް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބަންދުކުރަން އަމުރުކުރި މައްސަލަ ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ޒިޔަތު ވެސް 15 ދުވަހަށް ބަންދުކުރަން ދަށު ކޯޓުން ކުރި އަމުރަށް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ތާއީދު ކޮށްފައިވާ އިރު އެ އަމުރުގެ މުއްދަތު މާދަމާ ހަމަވާނެ އެވެ. ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ދުރުކޮށްފައިވާ އިރު އަދީބުގެ ވަކީލުން ބުނެފައިވަނީ އޭނާ ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ މެދު ވިސްނަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ