ގާސިމް ހައްޔަރުކުރުމުގެ އަމުރެއް ނެރެފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފި އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެ އަމުރު ނެރުނީ، މި މަހުގެ 1 ގައި އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާ އަށް ގާސިމް ހަރަދުކުރި ކަމުގެ ތުހުމަތުގަ އެވެ. މި އަމުރު ނެރުނުއިރު ގާސިމް އުޅުއްވަނީ ތައިލެންޑްގަ އެވެ. އަދާލަތު ޕާޓީ އިސްވެ އޮވެގެން މި މަހުގެ 1 ގައި މާލޭގައި ބޮޑު މުޒާހަރާ ބޭއްވުމުގެ ކުރިން އޭނާ ވަނީ ތައިލެންޑަށް ފުރާވަޑައިގެންފަ އެވެ. އޭގެ ފަހުން ގާސިމް އަދި ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. ގާސިމް ހައްޔަރު ކުރުމުގެ އަމުރާ ގުޅޭ ގޮތުން ރަސްމީ އެއްވެސް ފަރާތަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު "ހަވީރަ"ށް ވިދާޅުވީ މޭ 1 ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅޭ ގޮތުން ފުލުހުން ބަލަންޖެހޭ ހުރިހާ މައްސަލައެއް ބަލާނެ ކަމަށެވެ. "އެ މައްސަލާގައި ހައްޔަރުކުރަން ޖެހޭ މީހުން ހައްޔަރު ކުރާނެ. ކޯޓު އަމުރު ނަގައިގެން ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ކުރާނެ،" ސީޕީ ވިދާޅުވި އެވެ. މޭ 1 ގެ މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން ބޭފުޅުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާއިރު އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަތަކާ މެދު ހައި ކޯޓުން މާދަމާ ގޮތެއް ނިންމުމަށް ވަނީ ޝަރީއަތް ޝެޑިއުލް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ