ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ސިއްރު ވޯޓް ނުނެގޭނެ ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން އިއްވި ހުކުމަށް އިހްތިރާމް ކުރާނެ ކަމަށާ، އެހެންނަމަވެސް އެއީ ބަލައިގަންނަން ދަތި ހުކުމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކާއި މެދު ގޮތެއް ނިންމުމުގެ ބާރު މަޖިލިސް ފިޔަވާ އިތުރު ތަނަކަށް ލިބިގެން ނުވާ ކަމަށް ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް މަޖިލީހުން ފާސްކުރާ ޤާނޫނުތައް މާނަކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ސިއްރު ވޯޓެއް ނެގުމަށް މަޖިލީހުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓަށް ބަދަލުކުރެވޭނެ ނިންމުމެއް ކަމަށް އެއްގޮތަކަށްވެސް ދެކެވަޑައިނުގަންނަވާ ކަމަށް އިބޫ ވިދާޅުވިއެވެ.
"މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ އިބޫ ވިދާޅުވީ ސުޕްރީމް ކޯޓުން ކޮންމެ ގޮތެއް ނިންމި ނަމަވެސް އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ނަގާ ވޯޓު ހާމަކޮށް ކުރިއަށް ގެންދެވޭނީ މަޖިލީހުން އަނެއްކާވެސް އެގޮތަށް ނިންމުމުން ކަމަށެވެ.
އިބޫ ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ކޮންމެ ގޮތަކަށް ވޯޓުލާން ޖެހުނަސް އެއީ އެމްޑީޕީ ޖެހިލުންވާ ކަމެއް ނޫން ކަމަށެވެ.
އިބޫ ވިދާޅުވީ އެމްޑީޕީން ބައެއް ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކެއް މަޖިލީހަށް ހުށަހެޅީ އެކަން ކުރަންޖެހޭތީ ކަމަށާ، ސުޕްރީމް ކޯޓުގެ ހުކުމަށްފަހު އެމައްސަލަތައް އަވަހަށް އެޖެންޑާ ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ކޯޓު ހުކުމަށް އިހްތިރާމް ކުރަން ޖެހޭނެ. ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ތެރެއިން ކޮށްފައިވާ ހުކުމެއްވީމާ އެއަށް އިހްތިރާމް ކުރަންޖެހޭނެ. ހަމައެގޮތަށް މަޖިލީހަށް ލިބިގެންވާ ބާރުތައް މަޖިލީހުގެ ކިބައިން ނިގުޅައިގަންނަ ތަން ބަލާކަށް އަޅުގަނޑުމެންނަކަށް ނުތިބެވޭނެ. މަޖިލީހުގެ ނިންމުންތަކާއި ދޭތެރޭ ކަންކުރަންވީގޮތް ޤާނޫނު އަސާސީގައި އެއޮތީ. އެގޮތަށް މަޖިލީހުން ކަންކަން ކުރަން ޖެހޭނެ" އިބޫ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް މުޙައްމަދު ފަހްމީ ޙަސަން އެމަޤާމުން ވަކިކުރީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެމައްސަލައިގައިވެސް އިބޫ ވަނީ އެމްޑީޕީން ދެކޭ ގޮތް ހާމަކުރައްވާފައެވެ.
އެގޮތުން އިބޫ ވިދާޅުވީ ފަހްމީ މަޤާމުން ވަކިކޮށް އެކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރައްވާފައިވަނިކޮށް ފަހްމީއަށް ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓަށް އެންގިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ފަހްމީ މަޤާމުން ވަކިކުރުމުގައި އުސޫލީ މައްސަލަތަކެއް އުޅޭނަމަ އެކަމުގައި ސުޕްރީމް ކޯޓަށް ގޮތެއް ނިންމިދާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ފަހްމީގެ މައްސަލައިގައި ޖިނާއީ ތަހުޤީގެއް ކުރިއަށްދާ ވަގުތެއްގައި އޭނާގެ މައްޗަށް އެކުށުގައި ދައުވާ އުފުލި ކޯޓަކުން ހުކުމެއް އައިސްފިނަމަ ފަހްމީއާއި ދޭތެރޭ މަޖިލީހުން ނިންމި ނިންމުމާއިއެކު އެއް މައްސަލައެއްގައި ދެހުކުމް އައީ ކަމަށާ، އެގޮތަށް ކަންވެގެން ދިއުމަކީ ޤާނޫނު އަސާސީއާއި ހިލާފު ކަމެއް ކަމަށް ވަނީ ބުނެފައެވެ.
އެކަމަށް އިޝާރަތް ކުރައްވާ އިބޫ ވިދާޅުވީ ފަހްމީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ހުކުމަށް ރިއާޔަތް ކުރައްވާނަމަ މަޖިލީހުން ވަކިކޮށްފައިވާ ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމާއި މެދުވެސް އެގޮތަށް އަމަލުކުރެވިދާނެ ކަމަށެވެ. ނަމަވެސް ނައީމުވެސް މަޤާމުން ވަކިކުރީ ޖިނާއީ ތުހުމަތުތަކެއް ކުރެވި ތަހުޤީގެ ކުރިއަށްދަނިކޮށް ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
"މަޖިލީހަށް އެބައޮތް ނޫންތޯ މަޤާމުތަކަށް ބޭފުޅުން އައްޔަނުކޮށް ވަކިކުރުމުގެ ބާރުވެސް. އެކަން ދެން ނުކުރެވޭނީތޯ؟ މިހާރު އެހުކުމްގެ މައްޗަށް ބިނާކޮށް ކަމަށްވާނަމަ ކުރީގެ އޮޑިޓާ ޖެނަރަލަށްވެސް މަޤާމު އަނބުރާ ދޭން ޖެހޭނެ. މަޖިލީހުން ވަކިކޮށްފައިވާ ނައީމް އެހެންވެއްޖިއްޔާ ނައީމަށްވެސް އަނބުރާ އޮޑިޓާ ޖެނަރަލްގެ މަޤާމު ދޭން ޖެހޭނެ. މިހާރު ނައީމުގެ މައްޗަށް ޖިނާއީ މައްސަލައެއް ޝަރީއަތަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތެއް ނޫންތޯ؟ އެކަން އަދި ބަޔަކު ނުކުރިއަސް. ކޮށްފިއްޔާ ހަމަ އަދަބް ދެވޭނެ" އިބޫ ވިދާޅުވިއެވެ.
އިބޫ އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ހޯދުމަށް އެމްޑީޕީން މަޖިލީހުގައި މިހާރު އެދިފައިވާނެ ކަމަށާ، އެއަށްފަހު އެހުކުމް ތަކާއި ދޭތެރޭ އަމަލުކުރާނެ ގޮތްތަކެއް ނިންމާނެ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ހުކުމް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އިބޫ ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމްތައް ބަލައިގަންނަން ދަތި: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ