އިލެކްޝަންސްއާ ދެކޮޅަށް ޕީޕީއެމް މެމްބަރަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ބައެއް ޕާޓީތަކުން ޝައްކުތަކެއް އުފައްދަމުން ދާތީ އިންތިހާބުގެ އިންސާފުވެރިކަމާއި މިނިވަންކަން ޔަގީންކުރުމަށް ޕީޕީއެމްގެ އިސް މެމްބަރަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. ޕީޕީއެމްގެ އިސްތިއުނާފު މަޖިލީހުގެ މެމްބަރު އަހުމަދު ޒަނީން އާދަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އޭނާ މައްސަލަ ހުށަހެޅުއްވީ މީގެ ދެތިން ދުވަސް ކުރިން ކަމަށެވެ. އަދި މިހާރު މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެެސް އެ މައްސަލަ ކޯޓުން ތާވަލެއް ނުކުރެ އެވެ. އަދި އެ މައްސަލައާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ވެސް އަދި އެއްޗެކޭ ނުބުނެ އެވެ. މައިގަނޑު ގޮތެއްގައި އެ ދައުވާގައި އެދިފައިވަނީ، ޒަނީން ވިދާޅުވި ގޮތުގައި، އިލެކްޝަންސްގެ އައިޓީ ނިޒާމު މިނިވަން މުސްތަގިއްލު އައިޓީ އޮޑިޓަރެއް ލައްވާ ބަލައި ދިނުމުގެ އަމުރަކަށާއި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓް ލާން ރަޖިސްޓްރީކުރުމުގެ މަސައްކަތްތައް ކޮށްފައިވަނީ އެންމެ އިންސާފުވެރި ގޮތެއްގައި ކަން ޔަގީން ކޮށްދިނުމަށެވެ. އަދި ވޯޓު ލާ މީހުންގެ ރަޖިސްޓްރީގެ އަސްލާ އެއްގޮތް ކޮޕީއެއް ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނަށް ފޯރުކޮށްދިނުމަށާއި އެލިސްޓުތަކުގައި މަންދޫބުން ސޮއިކޮށްފައި ދިނުމުން ދާއިރާތަކުގައި ބެހެއްޓުމަށާއި އެނޫން އެހެން ލިސްޓެއްގެ މައްޗަށް އަމަލު ނުކުރާނެކަން ޔަގީން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސެމުގެ އަމުރަކަށް ވެސް ޒަނީން އެދިވަޑައިގެންފައިވެ އެވެ. އިންތިހާބުގެ މިނިވަންކަން ޔަގީންކުރުމަށް އިލެކްޝަންސް ކޮމިޝަން ގޮވައިގެން ކޯޓަށް ދާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އާއި އޭނާގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދާދި ފަހުން ވިދާޅުވެފައިވެ އެވެ. ޒަނީން ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ އޭނާ އަމިއްލަ ގޮތުން ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ މެމްބަރަކަށް ވުމުން އެ ދައުވާ އާއި ޕާޓީއާ ގުޅުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިހާބު ކައިރިވަމުން ދިޔަ ނަމަވެސް މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމުގެ ޔަގީންކަމެއް މިހާތަނަށް އައިއިރު ވެސް ނުލިބޭ ކަމަށް ބުނެ ޕީޕީއެމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ޕާޓީގެ މައިގަނޑު ޝަކުވާއަކަށް ވެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އައިޓީ ސިސްޓަމްގެ މަސައްކަތުގައި އިންޑިއާގެ ޓީމެއް ބައިވެރިވުމާއި ވޯޓް ރަޖިސްޓްރީގެ ސައްހަކަން ޔަގީން ކުރެވޭނެ ގޮތް ނެތުމެވެ. އިލެކްޝަންސުން ދާދި ފަހުން ބުނެފައި ވަނީ އެތަނުގެ އައިޓީ ސިސްޓަމާ ބެހޭ ޕްރެޒެންޓޭޝަނެއް ހުރިހާ ކެންޑިޑޭޓުންނަށް ދޭން މަސައްކަތްކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ