ނަޝީދާއި ގާސިމް "ރާއްޖޭގެ ކުރިމަގު ހަލާކުކުރާތީ" ޒުވާނުން މުޒާހަރާ އަށް!
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އިސްކޮށް ތިއްބަވައި، ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތަކާ ދެކޮޅު ހެދުމަށް ޒުވާނުންތަކެއް މިއަދު ނުކުންނަން ނިންމައިފި އެވެ. ހަވީރު 4:00 އާޓިފިޝަލް ބީޗުން ފަށާ ހިނގާލުމުގައި ބައިވެރިވުމަަށް، ވެރިކަންކުރާ ޕީޕީއެމްގެ މެމްބަރުންނާއި އެ ޕާޓީއާ ގުޅުން އޮންނަ ފަރާތްތަކުން ސޯޝަލް މީޑިއާގައި ރެއިން ފެށިގެން އަންނަނީ ގޮވާލަމުންނެވެ. "ގިނަވަނީ، ގިނަވަނީ"ގެ ނަން ދީފައިވާ މި ހިނގާލުން އިންތިޒާމް ކުރަނީ، އެ ފަރާތްތަކުން އާއްމުކޮށްފައިވާ ގޮތުގައި، "ގައުމު ދެކެ ލޯބިވާ" ޒުވާނުންތަކެކެވެ. ޓޫރިޒަމް މިނިސްޓަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ވެސް ވަނީ، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ހުރިހާ ޒުވާނުން މި ހިނގާލުމުގައި ބައިވެރިވުމަށް މިއަދު އެދިވަޑައިގެންފަ އެވެ. އޭނާ ކުރެއްވި ޓުވީޓުގައި ތުހުމަތުކުރެއްވި ގޮތުގައި، "ރާއްޖޭގެ ކުރިމަގު ހަލާކުކުރުމަށް"، އިދިކޮޅު އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. All Youth who Support President Yameen , pls come to Artificial beach Today at 4 pm,To Protest Against Nasheed & Gasim,destroying our future — Ahmed Adeeb (@Ahmed_Adeeb) February 19, 2015 މިނިސްޓަރު އަދީބުގެ ޓުވީޓު މި ހަަރަކާތާ ގުޅޭ ގޮތުން ޕީޕީއެމް އިން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. އެހެން ނަމަވެސް، އެ ޕާޓީގެ އިސް ބޭފުޅަކު "ހަވީރަ"ށް ވިދާޅުވި ގޮތުގައި، އެއީ އެ ޕާޓީ އާއި ޕާޓީ އަށް ހެޔޮ އެދޭ ޒުވާނުންތަކެއް އިސް ނަގައިގެން ބާއްވާ ހިނގާލުމެކެވެ. އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރަށް ތާއީދުކުރާ ޒުވާނުންތަކެއް އަޑުއުފުލަން ނިންމާފައި މިވަނީ، ގާނޫނުއަސާސީއާ ހިލާފު އެތައް ކަމެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް ބުނެ އެމްޑީޕީ އާއި ޖޭޕީން މުޒާހަރާ ކުރާތާ ހަފުތާއެއްހާ ދުވަސްވެފައި ވަނިކޮށެވެ. އެގޮތުން، ކޮންމެ ރެއަކުހެން ޗާންދަނީމަގު ދިރާގު ކަންމައްޗަށް އެ ދެ ޕާޓީގެ ސަޕޯޓަރުން އެއްވެ، ރައީސް ޔާމީންގެ އިސްތިއުފާ އަށް ގޮވާލަމުން ދެ އެވެ. މީގެ އިތުރުން، އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މި މަހުގެ 27 ވަނަ ދުވަހުގެ ރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ. އަދި ސަރުކާރު ކޯލިޝަނުން ވެސް ވަނީ މިރޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ