ތެލެސީމިއާ ސެންޓަރުގައި އައިސްއަލަމާރިއެއް ހިންގާލެވޭ ވަރު ވެސް ނެތް: ނަޝީދު

މިދިޔަ މާޗް މަހާ ހިސާބަށް ތެލެސީމިއާ ސެންޓަރުގެ ބަޖެޓް ހުސްވެ އައިސް އަލަމާރިއެއް ހިންގާލެވޭ ވަރު ވެސް ބަޖެޓުގައި ނެތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. ނ. ވެލިދޫ ދާއިރާ އަށް އަމާޒުކޮށްގެން ޕިންކް ރެންޓަލްސް ކުރިމަތީގައި ހަދާފައި ހުރި ޖަގަހަ ހުޅުއްވައިދެއްވަމުން ނަޝީދު މިހެން ވިދާޅުވީ ތެލެސީމިއާ ސެންޓަރުގެ ފިނިކުރާ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ގިނަ އަދަދެއްގެ ލޭ އުކާލަންޖެހުނު ހާދިސާ އަށް އިޝާރަތްކުރައްވަ އެވެ. ނަޝީދު ވިދާޅުވީ ތެލެސީމިއާ ސެންޓަރުގައި ރައްކާތެރިކަމާ އެކު ލޭ ބެހެއްޓުމުގެ ހިދުމަތް ނުދެވެނީ އެއްވެސް ހާލެއްގައި ރާއްޖެ އަށް އެކަންކުރެވެން ނެތިގެން ނޫން ކަމަށާއި މީގެ ކުރިން ވެސް އެއްވެސް ހުރަހެއް ނެތި އެ ސެންޓަރުން ހިދުމަތް ދެމުން އައި ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް ލޭތައް އުކާލަންޖެހޭ ކަމަށާއި އެމްޑީޕީގެ ސަރުކާރެއްގައި އެފަދަ ކަމެއް ނުވާނެކަމުގެ ޔަގީންކަން ވެސް ނަޝީދު ދެއްވި އެވެ. "ބަލި ކުދިންގެ ގަޔަށް އެޅުމަށް ރައްކާކުރުމަށް ދައުލަތާ ހަވާލުކުރެވޭ އަމާނާތެއް އެއީ. އެއަށް ވުރެ ވަކި ބޮޑު އަމާނާތެއް ނޯންނާނެ. އެއީ އަޅުގަނޑުމެން ދިވެހިންގެ ލޭ،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ 2012 ވަނަ އަހަރު ގެނައި "ބަޣާވާތު"ގެ ސަބަބުން ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށާއި ވެލިދޫގެ އިތުރުން އެ ދާއިރާގައި ހިމެނޭ ހޮޅުދުއި އާއި ފޮއްދޫގެ ތަރައްގީގެ މަސައްކަތްތަކެއް ހިމެނޭ ކަމަށެވެ. މި މަސައްކަތްތައް ފެށުމާއި ރާއްޖޭގެ ތަރައްގީއާ ގުޅިފައި ވަނީ ކުރިއަށް އޮތް ސާޅީހަކަށް ދުވަހުގެ ތެރޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ނިންމާ ނިންމުމާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ސަރުކާރުން ވެލިދޫ ދާއިރާ އަށް ތަރައްގީ ހޯދައިދިނުމަށް ޓޫރިޒަމް ވިޔަފާރި ފުޅާކުރާނެ ކަމަށާއި އެ ކަމަށްޓަކައި އެންމެ މުހިންމީ ނ. މާފަރުގައި އަޅަން ހަމަޖައްސާފައިވާ އެއާޕޯޓް އަޅާ ނިންމުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމްޑީޕީން އެކަން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީ ސަރުކާރާ ހަވާލުވި އިރު ސަރުކާރަށް ލިބޭ އެއްޗަކަށް ވުރެ ހަރަދުވާ މިންވަރު 30 ޕަސެންޓް އިތުރު ކަމަށާއި އާމްދަނީ ހަ ބިލިއަން ރުފިޔާ އަށް ނާރާ ކަމަށެވެ. ނަމަވެސް އޭރު ވެސް ކުރީގެ ސަރުކާރުން ގެންދިޔައީ ހަރަދު 12 ބިލިއަނުގައި ބަހައްޓައިގެން ކަމަށާއި އާ ގާނޫނު އަސާސީގެ ސަބަބުންނާއި އިންތިހާބަށް އަމާޒުކޮށްގެން އޭރުގެ ސަރުކާރުން އެއްފަހަރާ ގިނަ މަޝްރޫއުތަކެއް ފެއްޓެވި ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރު ބަޖެޓް ޑެފިސިޓް 30 ޕަސެންޓުން 21 ޕަސެންޓަށް ތިރިކުރެވުނު ކަމަށާއި 2010 ވަނަ އަހަރު 16 ޕަސެންޓަށް އަދި 2011 ވަނަ އަހަރު 2010 ޕަސެންޓް ތިރިކުރެވިފައިވާ ކަމަށެވެ. އަދި 2012 ވަނަ އަހަރު ހަތް ޕަސެންޓަށް ތިރިކުރުމަށް އަމާޒު ހިފާފައިވާ ކަމަށާއި އާމްދަނީ ވެސް 11 ބިލިއަނަށް އިތުރުކުރެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަނެއްކާވެސް 2012 ވަނަ އަހަރު އަޅުގަނޑުމެންނަށް ފެނުނީ ބަގާވާތަށް ފަހުގައި ބޮޑުވެގެން ދިޔަތަން. އެ ޑެފިސިޓް 12 ޕަސެންޓަށް 2012 ވަނަ އަހަރު އަރައިދިޔަ،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ 1980 ވަނަ އަހަރުން ގެށިގެން 2008 ވަނަ އަހަރާ ހަމަ އަށް ރާއްޖެ ގެނެވިފައި ވަނީ ބޭރުގެ 1.5 ބިލިއަން ޑޮލޮރުގެ އިންވެސްޓް ކަމަށްވީ ނަމަވެސް އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނެސްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު އޮތް ކޯލިޝަންގެ ސަރުކާރުގެ ތެރޭގައި ހިމެނޭ ޕާޓީތަކުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ވާދަކުރައްވަން ބޭނުންފުޅުވާތީ ސަރުކާރުގެ ވެރިން މަޖިލީހަށް ހާޒިރުކޮށް ސަރުކާރުން ކުރާ ކަންކަމުގެ ވާހަކަތައް ދައްކާ ކަމަށާއި އެ ގޮތަށް ވާހަކަތައް ދައްކާ އިރު ރަނގަޅަށް ކަމެއް ކުރެވިއްޖެ ނަމަ އެއީ އެ ޕާޓީއަކުން ކުރި ކަމަކަށް ހަދާ އިރު ގޯހުން ކަމެއް ގޮސްފައިވާ ނަމަ އެއީ ރައީސް ވަހީދުކުރައްވާފައިވާ ކަމަކަށް ހައްދަވާ ކަމަށެވެ. "ކޯލިޝަންގެ ބޭފުޅުންނަށް މިވާގޮތަކީ ކައްޓަލަ އިންދާ ފަހަރުފަހަރު ބުނާނީ ތިމަންނަ އަށް މި ފަހަރު ދަށުންނޭ. ޒުވާރި އިންދީމާ ތިމަންނަ އަށް މި ފަހަރު މަތިންނޭ. ގޯސް ކޮންމެ ކަމެއް އައިސް މި އަޅަނީ ބާގީ ވަހީދު ބޮލުގައި. ރަނގަޅު ވެއްޖިއްޔާ އެއީ ގައުމާއި ދީނަށްޓަކައި އަދާލަތު ޕާޓީން ކުރި މަސައްކަތެއް. ނުވަތަ ޔަގީން ޓީމުން މާބާރަށް އިގްތިސާދަށްޓަކާ ކުރި މަސައްކަތެއް،" ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ވަހީދަށް އެހެން ދިމާވެފައި ވަނީ ބަގާވާތެއް ކުރުމުން ކަމަށާއި ބަގާވާތަކަށް ވުރެ ބޮޑު ހަރާން ކަމެއް ނެތް ކަމަށެވެ. "އެ ވެރިކަން ގަޑުބަޑުކޮށް ނުހަމަ ގޮތުގައި ބަގާވާތް ކޮށްގެން އެ ވެރިކަން އަތުލައި އެ މައްޗަށް ސަވާރުވުމަށް ވުރެ ވަކި ބޮޑު ފާފައެއް، ހަރާމް ކަމެއް މި ދުނިޔެއަކު ނުވާނެ. މިއަދު މި ރާއްޖޭގައި ހިނގަމުން މިދަނީ ހަރާމް ވެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު (އަލިބެ) ވެސް ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ